އެންމެފަހުގެ ވަރލްޑް ކަޕުގެ ސެމީފައިނަލަށް މޮރޮކޯ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޑިފެންސިވް މިިޑްފީލްޑަރު ސޮފްޔާން އަމްރަބަތު ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ގެންދަން ހުށަހެޅި ބިޑަށް ފިއޮރެންޓީނާއިން ނޫނެކޭ ބުނެފިއެވެ.

އަމްރަބަތަށް ޔުނައިޓެޑުން ހުށަހެޅި އަގު ރަސްމީކޮށް ފިއޮރެންޓީނާ އަދި ޔުނައިޓެޑުން ހާމަ ނުކުރިނަމަވެސް، ފައިނަނޭންޝިއަލް ފެއަރޕްލޭ އުސޫލުގެ ދަށުން ބޮޑު އަގެއް ދީފައި އަމްރަބަތު ގެންދެވެން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ފައިނޭންޝިއަލް ފެއަރ ޕްލޭ ރެގިއުލޭޝަންއާ ޔުނައިޓެޑުން ހިލާފުވުމުގެ ސަބަބުން މިދިޔަ ޖުލައި މަހު ޔުއެފާއިން ވަނީ ޔުނައިޓެޑް 256،000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ފިއޮރެންޓީނާއަށް 29 މެޗް ކުޅެދިން އަމްރަބަތު ޔުނައިޓެޑަށް ދާއިމީ އެއްބަސްވުމުގެ ދަށުން ގެންދިޔުމަށްވެސް އެކްލަބުގެ ކޯޗް އެރިކް ޓެންހާގް މަސައްކަތް ކުރިއެވެ. އެކަމަކު ޔުނައިޓެޑުން ކިޔާ އަގު ކުޑަކަމުން އަމްރަބަތު ވިއްކާލަން ފިއޮރެންޓީނާއިން އެއްބަސް ނުވީއެވެ.

އިނގިރޭސި ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އަމްރަބަތު ނުގެނެވޭނެކަން ޔަގީންވެފައިވާތީ ޔުނައިޓެޑުން މިހާރު އަމާޒު ހިފާފައި ވަނީ ބަޔާން މިޔުނިކުގެ މިޑްފީލްޑަރު ރިޔާން ގްރެވެންބާޗް ގެނައުމުގެ މަސައްކަތް ހަލުވި ކުރުމަށެވެ.