ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް ގަތުމަށް ސައުދީގެ މުއްސަނދި ކްލަބް އަލް އިއްތިހާދުން 118 މިލިޔަން ޕައުންޑް ހުށަހަޅަން ތައްޔާރުވެއްޖެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ޔޫރަޕުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް މިރޭ ދަންވަރު 12:00 ގައި ނިމެނޭއިރު، އިއްތިހާދުން ވަރުގަދަ ބިޑެއް ސަލާހަށް ހުށަހެޅުމަށް ތައްޔާރު ވަމުންދިޔުމަކީ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕަށް ކުރިމަތިވާނެ ބޮލުގެ ރިހުމަކަށް ވާނެއެވެ. މިސީޒަން ފެށުމުގެ ކުރިންވެސް އިއްތިހާދުން ވަނީ ސަލާހް ގަތުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އޭރު ލިވަޕޫލްއިން ބުނެފައި ވަނީ ސަލާހް ވިއްކާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އިއްތިހާދުން އޭރު ސަލާހަށް ހުށަހަޅާފައި ވަނީ 2 އަހަރުގެ ކޮންޓްރެކްޓަކާއެކު 155 މިލިޔަން ޕައުންޑުގެ މުސާރައެކެވެ.

އިއްތިހާދުން ވަނީ މިދިޔަ ސީޒަން ނިމުމާއެކު ރެއާލް މެޑްރިޑުގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ކަރީމް ބެންޒީމާ އާއި ޗެލްސީގެ ތަޖުރިބާކާރު މިޑްފީލްޑަރު އެންގްލޯ ކަންޓޭ އަދި ސަލާހާއެކު ލިވަޕޫލަށް ކުޅުނު ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ފަބީނިއޯ ބޮޑު މުސާރަޔަށް އެކްލަބަށް ގެނެސްފައެވެ.