ދި ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔުއެފާ) އިން ހޮވި މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ނުރައްކާތެރި ފޯވާޑް އާލިންގ ހާލަންޑަށް ލިބިއްޖެއެވެ.

ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާލަނޑަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ހާލަންޑާ އެވޯޑް ހަވާލް ކުރުން އޮތީ މިރޭ ބޭއްވި ޗެމްޕިއަންސް ލީގް ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ހާލަންޑާ ވާދަކުރީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅުމަށްފަހު މިހާރު އެމެރިކާގެ އިންޓަރމިއާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ހާލަންޑާއެކު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ޕްލޭމޭކަރ ކެވިން ޑިބްރޭނާއެވެ.

މެންޗެސްޓަރ ސިޓީގެ ތާރިހުގައި މިދިޔަ ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު، ހާލަންޑުގެ ދައުރު ބޮޑެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ސިޓީއިން ކާމިޔާބު ކުރުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ. މިދިޔަ ސީޒަނުގައި ސިޓީއަށް ކުޅެދިން 53 މެޗުން 52 ލަނޑު ސިޓީއަށް ހާލަންޑް ކާމިޔާބު ކޮށްދިންނެވެ.

ހާލަންޑަށް ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފައިވާއިރު، އޭނާ ވަނީ ފްރޮޕެޝަނަލް ވްރައިޓާރސް އެސޯސިއޭޝަނުން ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މިހަފްތާގައި ހޯދާފައެވެ.