ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ އާއި އޭސީ މިލާން އަދި ނިއުކާސަލް މިސީޒަނުގައި އެއްގްރޫޕެއްގައި ވާދަ ކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގް ގުރު ނެގުން ރޭ ބޭއްވިއިރު، ޕީއެސްޖީ އާއި މިލާން އަދި ނިއުކާސަލް ހިމެނުނީ ގްރޫޕް "އެފް" ގައެވެ. މިގްރޫޕުގައި ދެން ހިމެނީ ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑެވެ. މިގްރޫޕުގައި ކުޅޭ ކޮންމެ މެޗެއްވެސް ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު، މިގްރޫޕުގައި ހިމެނޭ ޓީމުތަކުގެ ފެންވަރަށް ބަލާއިރު އެއްވެސް ޓީމަކަށް ދެވަނަ ބުރުން ޖާގަ ހޯދަން ފަސޭހައެއް ނުވާނެއެ.

އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ހިމެނުނީ ލައިޕްޒީގާއެކު ގްރޫޕް "ޖީ" ގައެވެ. މިގްރޫޕުގައި ދެން ހިމެނުނީ ވެނާ ވެޒްޑާ އާއި ޔަންގ ބޯއީޒްއެވެ. ޗެމްޕިއަންސް ލީގުގެ ރަސްގެފާނު، މަޝްހޫރު ރެއާލް މެޑްރިޑް ހިމެނުނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީއާއެކު ގްރޫޕް "ސީ" ގައެވެ. މިގްރޫޕުގައި ދެން އޮތީ ޖަރުމަނުގެ ޔޫނިއަން ބާލިން އާއި ބްރާގާއެވެ. ރެއާލްއާ ވާދަވެރި ބާސެލޯނާ އޮތީ ޕޯޓޯ އާއި ޝަކްތާ ޑޮނެސްކް އަދި އެންޓްވާޕާއެކު ގްރޫޕް "އެޗް" ގައެވެ.

ފޯރިގަދަވާނެ ކުރިމަތިލުމެއް ފެންނާނެ އަނެއް ގްރޫޕަކީ ގްރޫޕް "އޭ" އެވެ. ބަޔާން މިޔުނިކާއި މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން މިގްރޫޕުގައި ދެން އޮތީ ތުރުކީގެ ގަލަތަސަރާއީ ޑެންމާކުގެ ކޯޕަންހޭގަންއެވެ. އެންމެފަހުގެ ރަނައަޕް އިންޓަމިލާން ހިމެނެނީ ބެންފީކާ އާއި ރެޑްބުލް ސަލްސްބާގް އަދި ރެއާލް ސޮސިއެޑާޑާއެކު ގްރޫޕް "ޑީ" ގައެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގް ތަށި އެންމެފަހު ވަގުތު ގެއްލުނު އާސެނަލް އޮތީ ޕީއެސްވީ އާއި ސެވިއްޔާ އަދި ލެންސްއާއެކު ގްރޫޕް "ބީ" ގައެވެ. މިގްރޫޕުގެ މެޗުތައްވެސް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގް މެޗުތައް ފަށަން ތާވަލް ކޮށްފައި ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.