ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާން ވަގުތު ކުޑަތަންވެފައި ވަނިކޮށް މެންޗެސްޓަރ ސިޓީގެ ޖައޯ ކެންސަލޯ އާއި އެތުލެޓިކޯ މެޑްރިޑުގެ ޖައޯ ފެލިކްސް ލޯން އެއްބަސްވުމެއްގެ ދަށުން މަޝްހޫރު ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.
ކެންސަލޯ އާއި ފެލިކްސް ބާސެލޯނާއާ ގުޅިފައި ވަނީ ކިހާ ވަރެއްގެ އަގަކަށް ކަމެއް އަދި އެއްވެސް ކްލަބަކުން ހާމަކޮށްފައެއް ނުވެއެވެ. ބެކަށް ކުޅެމުން އަންނަ ކެންސަލޯ ވަނީ މިދިޔަ ސީޒަނުގައި ލޯން އުސޫލުން ބަޔާން މިޔުނިކަށްވެސް ކުޅެފައެވެ. އަދި ފެލިކްސް ވަނީ ލޯން އުސޫލުން ޗެލްސީއަށް ކުޅެފައެވެ.
ފެލިކްސް ދާދި ފަހުން ބުނެފައި ވަނީ އޭނާ ކުޅެން ބޭނުންވާ ޓީމަކީ ބާސެލޯނާ ކަމަށާއި ފުރުސަތެއް ލިބިއްޖެނަމަ އެކްލަބަށް ބަދަލުވާން ބޭނުންވާ ކަމަށެވެ. ފާއިތުވެދިޔަ 5 ވަރަކަށް އަހަރު ބާސެލޯނާގެ ވިންގަށް ކުޅުނު އޮސަމާނޭ ޑެމްބެލޭ މީގެ މަހެއްހައި ދުވަސް ކުރިން ޕީއެސްޖީއަށް ބަދަލުވުމުން ވިންގަށް ކުޅެވޭނެ ކުޅުންތެރިޔަކު ސްކޮޑަށް އިތުރު ކުރަން ކޯޗް ޒަވީ ހުރީ ވަރަށް ބޮޑަށް ބޭނުން ބެފައެވެ.
ޓްރާންސްފާ މާކެޓުގެ އެހެން ޚަބަރުތަކަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ގިނަ މަސައްކަތް ތަކަކަށްފަހު މޮރޮކޯގެ ގައުމީ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު ސޮފްޔާން އަމްރަބަތު ލޯން އެއްބަސްވުމެއްގެ ދަށުން އެކްލަބަށް ގެނެސްފައެވެ.
ޔުނައިޓެޑުން އަމްރަބަތު ގެނައީ 10 މިލިޔަން ޔޫރޯގެ ފީއަކަށެވެ. އަދި އަންނަ އަހަރު 20 މިލިޔަން ޔޫރޯއަށް އަމްރަބަތު ގަތުމުގެ އިޚްތިޔާރު ޔުނައިޓެޑަށް ވަނީ ލިބިދީފައެވެ.