ބޮޑު ތިލަދުންމައްޗަށް ހާއްސަ އިންވެސްޓްމެންޓް ބޭންކެއް ގާއިމްކުރައްވާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގ މޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ދިއްދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ބޮޑު ތިލަދުން މައްޗަށް ގެންނަ ތަރައްގީ ފުރިހަމަ ވެގެންދާނީ އެ ސަރަހައްދަށް ހާއްސަ ބޭންކެއް ގެނެވިގެންކަމަށެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ އެ ބޭންކް ވެގެންދާނީ ބޮޑުތިލަދުންމައްޗަށް އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް ލޯނު ދޫކުރާ ބޭންކަކަށް ކަމަށާއި އަދި ދައުލަތުން ލޯނުގެ ގެރެންޓީ ދޭންޖެހެނީ ހަމައެކަނި މަހުޖަނުން ރިޒޯޓް ހަދަން ނޫންކަމަށެވެ،
އަދި ޑެމޮކްރޭޓްސްގެ ސަރުކާރެއްގައި ގެސްޓްހައުސް އެޅުމަށް ދައުލަތުން ގެރެންޓީ ދީގެން ލޯނު ދޫކުރާނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.