ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭހާއި ލެބޯޓްރީ ސާމްޕަލް އުފުލުމުގެ ހިދުމަތް ފަށައި، އެހިދުމަތް މެނޭޖުކޮށް އޮޕަރޭޓް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

މިއީ ޑްރޯން ޓެކްނޮލޮޖީގެ ހިދުމަތް ރާއްޖޭގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.

ޑްރޯން ޓެކްނޮލޮޖީގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރީ ސިއްހީ ހިދުމަތް ހޯދަން އަތޮޅުތެރޭގެ ރަށްރަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ރައްޔިތުން ކުރަންޖެހޭ ދަތުރުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިއްޔެ އިފުތިތާހު ކުރި "މޯލްޑިވްސް ހެލްތު ލައިން" ޕްރޮޖެކްޓުގެ ދަށުންނެވެ.

ޖުމުލަ 54.5 މިލިއަން ރުފިޔާގެ މޯލްޑިވްސް ހެލްތް ލައިން ޕްރޮޖެކްޓުގެ ދަށުން ޑްރޯންތަކަށް 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ލެބޯޓްރީ ނެތް ރަށްރަށުން ސާމްޕަލްތައް އުފުލުމަށާއި އެމަޖެންސީގައި ހޯދަންޖެހޭ ބޭހާއި ކޮންސިއުމަބަލްސްގެ އުފުލުމަށް ތައާރަފު ކުރި ޑްރޯން ޓެކްނޮލޮޖީ ހިދުމަތް މުޅި ރާއްޖެއަށް ދޭނެއެވެ. ނަމަވެސް އެ ހިދުމަތް ފުރަތަމަ ފަށަން ނިންމާފައިވަނީ ދެ އަތޮޅެއްގައި ދެ ޑްރޯން ބޭނުންކޮށްގެންނެވެ.

މި ހިދުމަތުގައި ބޭނުން ކުރާނީ ސްވިޒަލެންޑްގެ ރިގީޓެކުން ތައްޔާރުކުރާ ހަތް ކިލޯގެ ތަކެތި ހިފައިގެން 80 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ގަދަ ވައިގައިވެސް ހިފަހައްޓާ ޑްރޯނެވެ.

މި ޑްރޯންތައް މެނޭޖުކޮށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ އެސްޓީއޯ އިން ބުނި ގޮތުގައި، އެ ހިދުމަތް ދިނުމަށް ބޭނުންވާ ތަމްރީން، މުވައްޒަފުންނަށް ދޭނެއެވެ.