ވަރލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން 1-0 އިން އިކްއެޑޯ އަތުން މޮޅުވެ އާޖެންޓީނާ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.

އާޖެންޓީނާގެ މަޝްހޫރު އެސްޓާޑިއޯ މޮނިއުމެންޓަލް ސްޓޭޑިއަމްއަށް ވަދެތިބި އަށްޑިހަހާހެއްހައި ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގައި މެސީ ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުން 78 ވަނަ މިނެޓުގައެވެ. މިއީ މެސީ ގައުމީ ޓީމަށް ޖަހައިދިން 106 ވަނަ ލަނޑެވެ. މެސީ ލަނޑު ޖެހުމުގެ ކުރިންވެސް އާޖެންޓީނާއިން 4 ހަމަލާ އުފެއްދިއެވެ. އެކަމަކު މުޅި ޓީމު ކަހަލަ ގޮތަކަށް ޑިފެންސް ކުރަމުންދިޔަ އެކްއެޑޯގެ ގޯލު އޭރު އޮތީ ހުޅުވާލެވޭ ގޮތް ނުވެފައެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި ތަފާތު މޮޅު ކުޅުމަކާއި ލީޑަރޝިޕެއް ދެއްކި މެސީ މިމެޗުގައި ފެނުނީ ވަރުބަލިކޮށެވެ. އާޖެންޓީނާގެ ކޯޗް ލިއޮނަލް ސްކޮލާނީ ވަނީ މެޗުގެ 89 ވަނަ މިނެޓުގައި މެސީ ބަދަލުކޮށްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

ވަރލްޑް ކަޕް ކޮލިފައިން ދެވަނަ މެޗުގައި މިމަހުގެ 13 ވަނަ ދުވަހު އާޖެންޓީނާ ނިކުންނާނީ ބޮލީވިޔާއާ ދެކޮޅަށެވެ. އެއަށްފަހު އޮކްޓޫބަރު 13 ވަނަ ދުވަހު ޕެރަގުއޭއާ ދެކޮޅަށްވެސް ނިކުންނާނެއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ވަރލްޑް ކަޕް ކޮލިފައިން ކުރިއަށްދާނީ އެސަރަހައްދަށް ނިސްބަތްވާ 10 ގައުމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ލީގް ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 6 ގައުމު ވަރލްޑް ކަޕަށް ކޮލިފައިވާ ގޮތަށެވެ. ހަތްވަނައަށްދާ ގައުމަށް ޕްލޭއޮފް ކުޅެން ފުރުސަތު ލިބޭނެއެވެ.

ކުރިއަށް އޮތް ވަރލްޑް ކަޕް އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު 48 ގައުމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.