އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އެމްޑީޕީގެ ގައުމީ މަޖިލިހާ ބައްދަލު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބަށްފަހު، ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސްގެ ފުރަތަމަ ބައްދަލުވުމުގައި މިވަގުތަށް ހުރި މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަށްފަހު، ރައީސް ސާލިހު ވިދާޅުވީ، ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ، ދެވަނަ ބުރުގެ ކެމްޕެއިން އަލުން ފަށައިގަތުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ހެނދުނުގެ ބައްދަލުވުމަށްފަހު ރައީސް ވިދާޅުވީ، އެބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރި އިޝޫތައް ބަލައިފަ އެއަށް ހައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި މެންދުރުފަހު އިތުރު މީޓިންތައް ކުރިއަށް ދާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"ފުރަތަމަ ބުރުގައި ހުރި އިޝޫތައް ބަލައިފަ އެއަށް ހައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިކުރީ، މެންދުރުފަހު އަޅުގަނޑުމެންގެ އިތުރު މީޓިންތައް ދާނެ، އެއަށްފަހު ފުލްކޮށް އަޅުގަނޑުމެންގެ އެޖެންޑާ ކުރިއަށްދާނެ، އަޅުގަނޑުމެނަށް މި ހެދިފަ ހުރި މިސްޓޭކު ތަކާއި ރަނގަޅު ކުރަންހުރި ކަންތައްތައް ވަރަށް ސާފުކޮށް އެބަ އެނގޭ މިހާރު ވަރަށް އުއްމީދާއެކު،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ އެގޮތަށް ދިމާވާ ކަންތައްތައް މީގެކުރިންވެސް ރަނގަޅު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތްތައް މިފަހަރު ރަނގަޅު ކުރެވިފައިނެތް ކަމަށާއި، އެހެން ދިމާވީ އޮގައިޒިންގައި ހުރި މައްސަލަތަކެއްގެ ސަބަބުންކަމަށާއި މިއްދު ބައްދަލުވުމުގައި ކުރިއަށް ދިޔައީ އެކަން ހައްލުކުރުމަށް މަޝްވަރާ ކުރެއްވުންކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރިކަން ތަކުރާރުކޮށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، "އޭގެ ތެރޭގައި ދާއިރާތައް މާބޮޑެތިކޮށް މީހުންނާ ހަވާލު ކުރެވިފައި ހުރީ, އެ ކުޑަ ކޮށްފައި އެކިއެކި މީހުންނާ ވަކިވަކިން ރަށްރަށްތަކާއި އަތޮޅުތައް ހަވާލު ކުރަމުން ދަނީ،" ކަމަށެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި ކުރެއްވި މަސައްކަތްތައް މިފަހަރުވެސް ކުރެއްވުނު ކަމަށާއި، އެހެންނަމަވެސް ފަހުން ނިންމާލަން ހިފި ވަގުތުގައި، ފަހު ދެދުވަހު އަތްދަށުން ދޫވެގެން ދިޔަ ބައެއް ކަންތައް ހުރިކަން ތަކުރާރުކޮށް ރައީސް ވަނީ ހާމަ ކުރައްވާފައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އެހެންވާން ދިމާވި ކަންތައްތަކާ ބެހޭ ގޮތުން ރައީސް ފާހަގަ ކުރެއްވީ، ބައެއް ފަރާތްތަކުން ވޯޓުލާ ގަޑި އިތުރު ކުރާނެކަމަށް ބަލައިގެން މަޑުކޮށްގެން ތިއްބާ ގަޑިހަމަވެ ކިޔުތައް ބަަންދުކޮށް، އެތައް ބަޔަކަށް ވޯޓު ނުލެވުނުކަމެވެ. އަދި ބައެއް މީހުން ނެރުމަށް ކުރަންޖެހޭ މަސައްކަތް ކުރެވިފައި ނުވާކަން ފާހަގަކުރެއްވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމް މަސައްކަތް ކުރައްވަނީ ދެވަނަ ބުރުގައި އެފަދަ ކަންކަން ރަނގަޅުކޮށް ނަތީޖާ ނެރުމަށް ކަމަށެވެ.