ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، އިންވެސްޓް ކުރި ފަރާތްތަކަށް ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ފައިސާ ދޭން ފެށޭވަރުވާނެ ކަމަށް އުންމީދުކުރެއްވޭ ކަމުގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެ މައްސަލަ އާ ގުޅޭގޮތުން އަލްހާން އިއްޔެ ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑުން، އޮންލައިން ޓްރޭޑް ކުރުމަށް ނިންމާ، އިންޓަނޭޝަނަލް ބްރޯކަ‎ރަކާ އެކީ އެފިލިއޭޓް ޕާޓްނަޝިޕެއް ހެއްދެވި ކަމަށެވެ. އަދި ކުންފުނިން ރޭވި އިންތިޒާމެއްގެ ތެރެެއިން އޮންލައިން ޓްރޭޑިންގެ އެކައުންޓުތަކެއް ހޯދާ، އާންމު ފަރުދުންގެ އަތުންވެސް ޓްރޭޑްކުރަން ކެޕިޓަލް ހޯދަން ނިންމަވައި، ބައިވެރިވާން ބޭނުން ފަރާތްތަކަށް ވަކި މުއްދަތަކުން ފައިދާ އަނބުރާ ލިބޭ ގޮތަށް އިންވެސްޓްމަންޓް ޕެކޭޖް ނަންގަވައިގެން ވިޔަފާރީގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސެވި ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެކްސް.ކޮމްގައ އިއްޔެ ކުރެއްވި ޓުވީޓެއްގައި ކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލު ދެއްވަމުން އަލްހާން ވިދާޅުވީ އިންވެސްޓްމަންޓް ކަންތައްތައް ބަރާބަރަށް ކުރަމުން އަންނަތާ ތިން މަސްވީ ތަނާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންގައިގެން ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ކިންގްސްގެ އެކައުންޓް ފްރީޒްކުރީ އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނެތީސްކަމަށެވެ. އަދި ވިޔަފާރި ގާނޫނާ ހިލާފަށް ހުއްޓުވާލުމުގެ ސަބަބުން، ކުންފުންޏަށާއި ޓްރޭޑް ކުރުމަށް ދިމާވި ދަތިތަކާ ހުރެ، އެތައް ބައިވަރު ފައިސާ ގެއްލުނު ކަމަށްވެސް އަލްހާން ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އިންވެސްޓްކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެ ދުވަހުން ފެށިގެން އެއްބަސްވި ގޮތަށް ފައިސާ ދެވިފައި ނުވީ ނަމަވެސް، އެ ވިޔަފާރިއަކީ މަކަރާ ހީލަތާ މަނީލޯންޑަރިންގެ ކުށުގެ އަމަލު ހިމެނޭ ކަމެއް ނޫން ކަމަށްވެސް އަލްހާން ވަނީވިދާޅުވެފައެވެ.

އަލްހާން ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ތުހުމަތުކުރި މަނީލޯންޑަރިންގެ މައްސަލައިގެ ތަހުގީގު ދިގުލާ ނުނިމި އޮތުމަކީ ކުންފުންޏަށް ވިޔަފާރި ކުރިއަށް ގެންދެވެން ނެތް އެންމެ ބޮޑު ސަބަބު ކަމުގައެވެ.

ކިންގްސް ކުންފުނީގެ އެކައުންޓް ބަންދުކޮށް ވިޔަފާރި ހުއްޓުވި މައްސަލާގައި ބީއެމްއެލުން އެކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ލިބުނުގެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާއިރު އެ މައްސަލަ އެ ބޭންކުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ ކިންގްސް ކުންފުނީގެ ވިޔަފާރި ހުއްޓުވުމުގެ ކުރިން ބަރާބަރަށް ފައިސާ ދެމުން އައިކަން އިންވެސްޓަރުންނަށް ރަނގަޅަށް އެނގޭނެ ކަމަށާއި ފައިދާ އާ އެކީ ލިބުނު މީހުން މަދު ނުވާނެ ކަމަށެވެ.

އެގޮތުން ވީހާ އަވަހަކަށް މިކަންކަން ހައްލުކޮށް، ކުންފުނީގެ ވިޔަަފާރި ފަށާ، އިންވެސްޓަރުންނަށް ވީހާ އަވަހަކަށް ފައިސާ ދިނުމަށާއި މިމައްސަލަތައް ނުނިމި ހުރުމަކީ ކެޕިޓަލް ރައިޒްކޮށް ވިޔަފާރި ކުރިއަށްގެންދަން އޮތް ހުރަހަކަށް ވާތީ އަދި އެކަން ނުކުރެވިގެން އުޅޭ ވާހަކަވެސް ދަންނަވަމެވެ.

'' އަޅުގަނޑު މިހާރު އުންމީދުކުރަނީ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހު ފައިސާ ދޭން ފެށޭ ވަރުވާނެކަަމަށް،"
އަލްހާން ފަހުމީ

އަދި މި ވިޔަފާރިއާއި ގުޅިގެން ދެފަރާތުގެ މަންފާއަށްޓަކައި ކުރި މަސައްކަތް ހުއްޓި، ބައެއް ފަރާތްތަކަށް ނުހަނު ދަތިތަކާ ކުރިމަތިވީތީ ނުހަނު ހިތާމައާއި އެކީ ތަކުރާރުކޮށް މަޢާފަށް އެދިވަޑައިގެން މިކަން ސިޔާސީ ކަމަކަށް ނުހައްދަށް އަލްހާން ވަނީ އެދިވަޑައިގަންފައެވެ. އަދި އެމަނިކުފާނަށް މިދިމާވި ހާލަތު ޤަބޫލުކުރައްވާ، ކެތްތެރިކަން އިސްކުރެއްވުމަށާއި އަދި ވަގުތު ދެއްވުމަށާއި މިކަން ހައްލުކޮށް، ކުންފުނިގެ ދަރަނި އަދާކޮށް، ރާއްޖޭގެ އިޤްތިސާދާ ރައްުޔިތުންނަށް މިކަމުގެ މަންފާ ހޯދައިދޭނެކަމުގެ ޔަގީންކަންވެސް އަލްހާން ވަނީ ދެއްވާފައެވެ.