ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތެރިންނާއެކު، ޗާނދަނީމަގުގައި ހުންނަ ދަނޑިކޮށި ޖަގަހައިގައި ބޭއްވެވި ބައްދަލުވުމަށްފަހު ގެއަށް ވަޑައިގަތުމަށް ނުކުމެވަޑައިގެންނެވުމަށްފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޖަވާބުގައި ރައީސް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ނެތް ކަމަށެވެ.

އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ތިން ވަރަކަށް ޕާޓީން އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައެވެ.

މިހާރު އެންމެ ބޮޑު އަމާޒަކީ ކެމްޕެއިން ހިންގުން ކަމަށާއި އެންމެ ބޮޑު ފޯކަސް އަކީ ކެމްޕެއިނަށް އަލުން ތައްޔާރު ވެގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެެވެ. ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށް ވާހަކަ ދެއްކުމަށް އެހެން ޕާޓީތަކަށް އެމްޑީޕީ އޮތީ ހުޅުވިފައި ކަމަށެވެ.