ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހުގެ ހެނދުނު، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިރަށް ވޮޝިންޓަން ދޫކުރައްވާ ވަޑައިގަންނަވާ ގޮތަށް ޕްލޭންކޮށްފި ކަމަށް އެމެރިކާގެ މީޑިއާއިން ބުނެފިއެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ މި ޖެނުއަރީމަހުގެ 20 ވާ ބުދަދުވަހު އެމެރިކާގެ ގަޑިން މެންދުރު 12:00 ގައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި އިހްތިފާލުތައް އޮންނަނީ އެމެރިކާގެ ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދުގައެވެ.

ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕް ވޮޝިންޓަން ދޫކުރައްވައި ވަޑައިގަންނަވާ ގޮތަށް ކުރިން ޕްލޭން ކުރެއްވީ އަންގާރަ ދުވަހުގެއެވެ. އެހެންނަމަވެސް، މިހާރު ބުދަދުވަހަށް ބަދަލު ކުރައްވާފައިވާ ކަމަށް ބުނެފައި ވެއެވެ.

ޓްރަމްޕް ވައިޓްހައުސް ދޫކުރައްވައި ވަޑައިގަންނަވާއިރު، އެކަން ފާހަގަކުރުމަށް ބާއްވާ ކަންކަމުގެ ތަފްސީލެއް ވައިޓްހައުސްއިން އަދި ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް، އެކަންކަން ރޭވުމުގައި އުޅޭ، ނަން ހާމަނުކުރާ ފަރާތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ޓްރަމްޕް ވޮޝިންޓަން ދޫކުރައްވާ ވަޑައިގަތުން ފާހަގަކުރުމަށް ޖޮއިންޓް ބޭސް އެންޑްރޫސްގައި ޚާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. ޖޮއިންޓް ބޭސް އެންޑްރޫސްއަކީ އެމެރިކާގެ ރައީސުން ބޭނުން ކުރައްވާ ޚާއްސަ އެއަރޕޯޓް އޮންނަ އަސްކަރީ ބޭހެވެ.

އާންމުކޮށް ރައީސްކަން ކުރައްވާ ބޭފުޅުން މަގާމުގެ ދައުރު ހަމަކުރައްވައި ވޮޝިންޓަނުން ފުރާވަޑައި ގަންނަވާއިރު، ގައުމެއްގެ ރައީސަކު ވަޑައިގަތުމުން ދެވޭފަދަ އިއްޒަތް އެރުވުން އޮވެއެވެ.

އެގޮތުން، ރަތްދޫލަ އެޅުމާއި، ގާޑްއޮނަރ އެރުވުމާއި، 21 ގަޑީގެ ސަލާމެއް ދިނުން އޮވެއެވެ. އެ ޝަރަފް ޓްރަމްޕަށްވެސް އެރުވުމަށް މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވެއެވެ.

ޓްރަމްޕްވަނީ، ޖޯ ބައިޑެން ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައި ނުގަންނަވާނޭ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް އަދިވެސް ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލެއް ނުކުރައްވައެވެ. އަދި ބައިޑެންއަށް މަރްހަބާވެސް ވިދާޅެއް ނުވެއެވެ.

ނުވިތާކަށް، ޓްރަމްޕް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލައި، އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އެހެންވެ، ބައިޑެން ހުވާ ކުރައްވާދުވަހު ވޮޝިންޓަންގައިވެސް ނުހުންނަވާން ވެގެން ޓްރަމްޕް ނިންމަވާފައިވަނީ ފްލޮރިޑާގެ ޕާމް ބީޗަށް ވަޑައިގަތުމަށެވެ. ޓްރަމްޕް ދެން ދިރިއުޅުއްވާނީ ޕާމް ބީޗްގައި އޮންނަ އޭނާގެ ބައިނަލްއަގްވާމީ ގޮލްފް ކްލަބްގައި ކަމަށް ވެއެވެ.