ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމުމަށް ހުށަހަޅައި، އެއްބަސްނުވާ ނަމަ ވަކިކޮޅަކަށް ތާއީދު ނުކުރުމަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ފާސްކޮށްފިއެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒެވެ.
ޝިފާޒް ހުށަހެޅުއްވީ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާ މެދު ކައުންސިލުން ނިންމާނެ ތިން ކަމެއް ހިމެނޭ ގަރާރެކެވެ.
އެ ގަރާރުގައި ޝިފާޒް ހުށަހެޅުއްވީ:
- މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އަންނަ ބުދައިގެ ކުރިން އެމްޑީޕީން އެއްބަސްވާ ނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށް
- ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ހިއްސާވާ މިންވަރާއި، އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި އަންނަ ބުދަ ދުވަހުގެ ކުރިން އެ ޕާޓީން ސޮއިކުރަން އެއްބަސްވާނަމަ، މަޝްވަރާކުރުމަށް
- މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް
ކައުންސިލް ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ޝިފާޒުގެ ގަރާރަށް ތާއީދުކޮށްފަ އެވެ. އެއަށް ފަހު، ގިނަ މެންބަރުން ހިޔާލު ފާޅުކުރީ ޑިމޮކްރެޓުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކިކޮޅަކަށް ނާރާ ތިބުން ކަމަށެވެ.
އޮންލައިންކޮށްވެސް މެމްބަރުން ބައިވެރިވި އެ ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށްފައިވަނީ ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ތާއީދާ އެކުއެވެ.
ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމެވުމަށް ގޮވާލައްވައިފައެވެ. އަދި ގިނަ މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ނުކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވަން ބޭނުން ނޫން ކަމަށާއި ބޭނުން ވަނީ "އިބޫ ނޫން ގޮތެއް" ކަމަށް މެމްބަރުން ގޮވާލެއްވިއެވެ.
ގަރާރަށް ބަހުސް ކުރައްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ބަޔަކާ އެކު އެކުވެގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކުރިން ދަސްވެފައިވާ ހަގީގަތަކީ އެކަމުން ކާމިޔާބެއް ލިބިފައިނެތް ކަން ކަމަށެވެ.
ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ސެޕްޓެމްބަރު 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ހުށަހެޅި ކަމަށާއި އެކަމަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި އެއްވެސް ޕާޓީއަކާ އެކު އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށްވެސް ހަސަންލަތީފު ވަނީ ވިދާޅުވެފައެވެ.