މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މިރޭ ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާތާ 20 އަހަރު ވެފައިވާ މީހުންނަށް ފްލެޓާއި ގޯތި ދޭނެ ކަމަށާއި އެކަމަށް ބޭނުންވާ ހައުސިން ސްކީމްގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މާލޭގައި 20 އަހަރާއި 30 އަހަރު ވަންދެން އުޅެފައި ތިބި މީހުން ވެސް އެބަތިބި ކަމަށާއި މިގޮތަށް ތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތިކަމަށާއި އަދި މި ސްކީމުގެ ދަށުން އެކަން ހައްލުކުރެވޭނެކަމަށެވެ
އަދި މާލޭގެ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށާއި ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުން ޑައުންޕޭމަންޓް އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވުމުގެ ޝަކުވާ ކުރަމުންދާކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.