އެންމެފަހުގެ ވަރލްޑް ކަޕުގައި އާޖެންޓީނާ ގައުމީ ޓީމުން ވިދާލި ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން 2 ލަނޑުން ސާބިޔާގެ ވެރްނާ ވެޒްދާ އަތުން 3-1 އިން މޮޅުވެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން މޮޅަކުން މުބާރާތް ފަށައިފިއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އެންމެން ހައިރާން ކޮށްލުމަށްފަހު ލީޑް ނެގީ ވެޒްދާއިންނެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް މިލަނޑު ކާމިޔާބު ކޮށްދިނީ އޮސްމާން ބުކާރީއެވެ. މިއީ މުޅި މެޗުގައިވެސް ސިޓީގެ ގޯލަށް އަމާޒުކޮށް ވެޒްދާއަށް ފޮނުވާލެވުނު ދެހަމަލާގެ ތެރެއިން އެއްހަމަލާއެވެ.
ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ސިޓީގެ ރޮޑްރީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއްގެ ހުރަހަކަށްވީ މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ވެޒްދާގެ ކީޕަރު އިޒްރޭލުގެ އޮމްރީ ގްލޭޒާއެވެ. އޭގެގަހުން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ސިޓީއިން ހަމަޖެހިލީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑާއެކުއެވެ. އަލްވަރޭޒް މިލަނޑު ޖެހީ ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން ހަނި އޭންގަލުން ކީޕަރު ކައިރިން ނައްޓާލުމަށްފަހުއެވެ. އަލްވަރޭޒްގެ ދެވަނަ ލަނޑަކީ 59 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑެކެވެ. ސިޓީގެ ލީޑް އިތުރަށް ފުޅާވީ 72 ވަނަ މިނެޓުގައި ރޮޑްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ އުސްއަލިތައް:
ސިޓީއާއެކު ގްރޫޕް "ޖީ" ގައި ދެން ހިމެނެނީ ލައިޕްޒީގާއި ޔަންގް ބޯއީޒްއެވެ. މިދެޓީމު ރޭ ބައްދަލު ކުރި މެޗް 3-1 އިން ކާމިޔާބު ކުރީ ލައިޕްޒީގެވެ.