ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ފެށިއިރު މަޝްހޫރު ބާސެލޯނާ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ބެލްޖިއަމްގެ އެންޓަވާޕް އަތުން 5-0 އިން މޮޅުވިއިރު ޕީއެސްޖީއިން އަމިއްލަ ދަނޑުގައި ބްރޯޝިޔާ ޑޯޓްމަންޑުގެ މައްޗަށް 2-0 އިން ކުރި ހޯދައިފިއެވެ.
އެންޓަވާޕް ކޮޅަށް ބާސެލޯނާއިން ކާމިޔާބު ކުރި ފަސްލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑް ދޫކޮށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސާއާ ގުޅުނު ޕޯޗުގަލް ވިންގަރ ޖޮއާއޯ ފެލިކްސްއެވެ. ދެން ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އާއި ޒުވާން މިޑްފީލްޑަރު ގަވީއެވެ. އަނެއް ލަނޑަކީ އެންޓަވާޕް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ އުސްއަލިތައް:
ޕީއެސްޖީ މޮޅުވީ އަމިއްލަ ދަނޑުގައި ދެވަނަ ހާފުގައި ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭ އާއި ހުނަރުވެރި ބެކް އަޝްރަފް ހަކީމީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މީގެ ތެރެއިން އެމްބައްޕޭ ކާމިޔާބު ކޮށްދިން ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
މެޗުގެ އުސްއަލިތައް:
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލާޒިއޯއިން ވަނީ އެތުލެޓިކޯ މެޑްރިޑް މޮޅުވިޔަ ނުދީ 1-1 އިން އެއްވަރުކޮށްފައެވެ. މީގެ އިތުރުން ނިއުކާސަލް އާއި އޭސީ މިލާން ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.