ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިކަން ހާމަކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަންވެސް ކުރައްވަމުންގެންދަވާ ރިޔާޒް ރަޝީދުމިކަން ހާމަކޮށްފައިވަނީ ރޭގައި ޓުވިޓާގައި ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ ހާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އޭނާއާއެކު އިސްލާހީގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭނާގެ އަޚް އިބްރާހިމް މުޙައްމަދު ސޯލިހަށް މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން ނިންމަވާފައިވާކަމަށެވެ.

ރިޔާޒް މި ނިންމުން ނިންމަވާ އިއުލާނުކުރައްވާފައިވާއިރު ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ. އަދި އެ ޕާޓީގެ މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ، ޖޭޕީގެ ނަން ބޭނުންނުކޮށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހުޅުވާލައްވާފައެވެ.