އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މެންޗެސްޓަރ ސިޓީ މޮޅުވިނަމަވެސް، މުހިއްމު މިޑްފީލްޑަރު ރޮޑްރީ ރަތްކާޑް ހޯދުމުން ކޯޗް ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ.
ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އެޓީމުން ދެލަނޑުވެސް ޖެހީ ފުރަތަމަ ސާދަ މިނެޓުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އާލިންގ ހާލާންޑެވެ.
ފޮރެސްޓުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗުގައި ސިޓީއަށް މައްސަލަތައް ދިމާވީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ރޮޑްރީއަށް ރަތްކާޑް ދެއްކުމުންނެވެ. ދެވަނަ ހާފް އެއްކޮށް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ސިޓީގެ އަސްލު ގޭމް އެޓީމަށް އެންމެ ފުރިހަމައަށް މިމެޗުގައި ކުޅެވޭ ގޮތެއް ނުވިއެވެ.
ސިޓީގެ ކޯޗް ގާޑިއޯލާ މެޗަށްފަހު ބުނީ ރޮޑްރީއަށް ދެއްކި ރަތްކާޑުގެ ސަބަބުން، ކުރިއަށް އޮތް އާސެނަލް މެޗުގައި އޭނާގެ ބޭނުން ކުރެވެން ނެތުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ. "ރޮޑްރީ ޖެހޭ އެވަގުތު ޖަޒްބާތުތައް ކޮންޓްރޯލް ކުރަން. އަހަންނެއް ނޫން ދަނޑުގައި ކުޅެން ހުންނަނީއެއް. ދަނޑުމަތީގައި ތިބޭ ހުރިހާ ކުޅުންތެރިން ވިސްނަންޖެހޭނެ ޖަޒްބާތުތައް ކޮންޓްރޯލް ކުރަން" ހިތްހަމަ ނުޖެހިފައި ހުރެ ގާޑިއޯލާ ބުންޏެވެ.
ރޮޑްރީއަށް ރަތްކާޑް ދެއްކީ ފޮރެސްޓުގެ މޯގަން ގިބްސް ވައިޓަށް އުޅަބޮށިން ހަމަލާދިން ކަމަށް ބަލައެވެ. ރަތްކާޑް ދެއްކުމުން ރޮޑްރީ ވަނީ ގިބްސް ކަރުގައިވެސް ހިފާފައެވެ. ބެލެވޭ ގޮތުގައި މީގެ ސަބަބުން ޕްރިމިއަރ ލީގުގެ ދެމެޗަށް ރޮޑްރީ ސަސްޕެންޑް ކުރާނެއެވެ. ލީގުގައި ސިޓީއަށް ކުރިއަށް އޮތީ މިމަހުގެ 30 ވަނަ ދުވަހު ވޮލްވުސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި އޮކްޓޫބަރު 8 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ފޮރެސްޓުގެ މައްޗަށް މިރޭ ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޓޮޓެންހަމް 13 ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި އޮތް ލިވަޕޫލް އާއި ހަތަރުވަނައިގައި އޮތް އާސެނަލްއަށްވެސް ލިބިފައި ވަނީ 13 ޕޮއިންޓެވެ.