ސްޕެނިޝް ލަލީގާގައި ވާދަވެރި ރެއާލް މެޑްރިޑުގެ މައްޗަށް އެތުލެޓިކޯ މެޑްރިޑުން 3-1 އިން ރޭ ކުރި ހޯދައިފިއެވެ.

އެތުލެޓިކޯ މެޑްރިޑުގެ ދަނޑުގައި ރާއްޖޭ ގަޑިން ރޭ ދަންވަރު ކުޅުނު މިމެޗުގައި އެތުލެޓކޯ މެޑްރިޑުން ލީޑް ނެގީ މެޗް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަލްވާރޯ މޮރާއްޓާގެ ލަނޑުންނެވެ. މޮރާއްޓާ މިލަނޑު ޖެހީ އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އެތުލެޓިކޯއިން ލީޑް ފުޅާ ކުރީ 18 ވަނަ މިނެޓުގައި އެންޓޯނިއޯ ގްރީޒްމަންގެ ލަނޑުންނެވެ. މިީވެސް ރެއާލްގެ އޭރިޔާގެ ތެރެއަށް ހުރަސްކުރި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއިން ފަރަގު ކުޑަކުރީ އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން ޓޯނީ ކްރޫޒް ކާމިޔާބު ކުރި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި މޮރާއްޓާ ބޮލުން ކާމިޔާބު ލަނޑަކުން އަނެއްކާވެސް އެތުލެޓިކޯއިން ލީޑް ފުޅާ ކުރިއެވެ.

ރެއާލްގެ ކޯޗް ކާލޯ އެންޗަލޮއްޓީ ބުނީ ބަލިވީ ޑިފެންސް ލައިނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. "އެތުލެޓިކޯއިން ޖެހި ތިން ލަނޑުވެސް ވައްތަރީ ފޮޓޯ ކޮޕީއަކާ. އަހަރެމެންގެ ކުޅުންތެރިންނަށް ޑިފެންސް ކުރާއިރު ރަނގަޅު މަގާމްތަކުގައެއް ނޫން ތިބެވުނީ. އެތުލެޓިކޯއިން ޖެހި ތިންލަނޑުގައިވެސް ޑިފެންސް ލައިނަށް ހެދުނު ގޯސްތަކުގެ ދައުރު ބޮޑު" އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަތައް ދިފާއު ނުކުރެވުނު ކަމަށް ބުނެ އަންޗެލޮއްޓީ ބުންޏެވެ.

މެޗުގެ އުސްއަލިތަކުގެ ލިންކް:

https://www.youtube.com/watch?v=UvpQm1KYxac

މިއީ މިސީޒަނުގައި ލަލީގާގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިމެޗުން ބަލިވުމުގެ ސަބަބުން ތާވަލުގެ އެއްވަނަ މަގާމްވެސް ރެއާލްއަށް ވަނީ ގެއްލިފައެވެ. ރެއާލް މިހާރު އޮތީ 15 ޕޮއިންޓާއެކު ތިންވަނައިގައެވެ. އެއްވަނައިގައ 16 ޕޮއިންޓާއެކު އޮތީ ވާދަވެރި ބާސެލޯނާއެވެ. ދެވަނައިގައި އޮތް ޖިރޯނާއަށްވެސް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ބާސާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.