އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަސަން ލަތީފް އެގޮތަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. ޕީޕީއެމް/ޕީއެންސީ އިން ވެސް މިކަމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވާދަކުރިއެވެ.

ނަޝީދުގެ ތާއީދާ އެކުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އިންތިހާބުގެ ފުރަތަމަބުރު ތިންވަނަލިބި އިންތިހާބުން ބަލިވުމުން، ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ވަނީ ނިންމައިފައެވެ.

އެގޮތަށް ނިންމި ނަމަވެސް ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން މުއިއްޒަށް ތާއީދުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވެސް ތާއީދު ކުރިއެވެ.