ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާގެ މައްޗަށް 3-0 އިން ކުރި ހޯދައި މަޝްހޫރު ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މަޝްހޫރު މެންޗެސްޓަރ ސިޓީ ހިންގަމުން އަންނަ އަބޫދާބީ ޔުނައިޓެޑް ގްރޫޕުގެ މެޖޯރިޓީ ހިއްސާ އޮންނަ ޖިރޯނާގެ ދަނޑުގައި ކުޅުނު މިމެޗުގައި ރެއާލް މެޑްރިޑުން ލީޑް ނެގީ މެޗުގެ 17 ވަނަ މިނެޓުގައި ޖޮސެލޫ ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ރެއާލްއަށް ލީޑް ފުޅާކޮށްދިނީ އައުރެލިއަން ޗުއަމެނީއެވެ.
ގިނަބަޔަކު ހައިރާން ކޮށްލުމަށްފަހު މިސީޒަނުގައި ތާވަލުގެ ކުރީގައި ހިފަހައްޓަމުން އަންނަ ޖިރޯނާއިން ވަނީ މިމެޗުގައި ރެއާލްއަށް ދޫނުދީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ދެތިން ފުރުސަތުވެސް ތަނަވަސްކޮށްފައެވެ. އެކަމަކު އެފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. މީގެ ފައިދާ ރެއާލްއިން ނެގީ 71 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު އިންގްލެންޑުގެ ހުނަރުވެރި މިޑްފީލްޑަރު ޖޫޑް ބެލިންގހައެމެވެ. މިއީ ރެއާލްއަށް ކުޅެދިން 8 މެޗުގައި ބެލިންގހަމް ކާމިޔާބު ކޮށްދިން 7 ވަނަ ލަނޑެވެ.
މިލަނޑަށްފަހުވެސް ޖިރޯނާއިން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ރެއާލްއިން މެޗް ނިންމާލަން ޖެހުނީ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު ނަޗޯއަށް ރަތްކާޑް ދެއްކުމުންް އެއްކުޅުންތެރިޔަކު މަދުކޮށެވެ.
މިމެޗުން މޮޅުވުމާއެކު ރެއާލްއަށް ތާވަލުގެ އެއްވަނަ ލިބެނީ 21 ޕޮއިންޓާއެކުއެވެ. އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއެވެ. ޖިރޯނާ ތިންވަނައިގައި އޮތީ 19 ޕޮއިންޓާއެކުއެވެ.