ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފާސްކޮށްފިއެވެ.

އެކަން ފާސްކުރީ މިއަދު މެންދުރު ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ލެއްވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީން، އިއްޔެ ވަނީ ރައީސް ނަޝީދު އިތުބާރު ނެތްކަމަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯދާފައެވެ.

ރައީސް ނަޝީދު މަގާމުން ދުރުކުރަން ބޭނުންވާ މިންވަރަށް ސޮއި ލިބިފަވާ ކަމަށް އެމްޑީޕީގެ އޮފިޝަލުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހެނީ މަދުވެގެން 22 ސޮޔާއެކުއެވެ. ނަމަވެސް އިއްޔެ އެމްޑީޕީން 30 އަށްވުރެ ގިނަ ސޮއި ވަނީ ހަމަކޮށްފައެވެ. ރައީސް ނަޝީދުގެ އިތުބާރުނެކަމަށް ފާސްކުރަން 45 ވޯޓު ބޭނުންވާނެއެވެ. އެމްޑީޕީގެ މެންބަރުނެގެ ގޮތުގަ 50 އަށްވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.

ނަޝީދު މަގާމުން ވަކިކުރާތީ، ޑިމޮކްރެޓުން ވަނީ 'ވައްކަން'ތައް ބެލުމަށް ގޮވާލާފައެވެ. އަނެއްކޮޅުން އެމްޑީޕީގެ މެންބަރުން މިހާރު ގަބޫލު ކުރައްވަނީ، އެ ޕާޓީ އަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ވުމުން، ރިޔާސަތުގައި ވެސް އިންނަވަން ޖެހޭނީ އެމްޑީޕީގެ މެންބަރެއް ކަމަށެވެ.

އަދި ނަޝީދު މަޖިލީސް ހިންގަވަމުން ގެންދަވާ ގޮތާ މެދު ވެސް އެ މެންބަރުންގެ ނުރުހުން އެބަ އޮތެވެ.