މިހާރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ "10 ވަނަ ވިޕްރޯ ބެންގަލޫރު މެރެތަން 2023" ގައި ރާއްޖެއިން ހާފް މެރަތަންގައި ބައިވެރިވި ދުވުންތެރިންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު ރަޝީދު، ހާފް މެރަތަންގެ "30-35 އޭޖު ކެޓަގަރީ" އިން ދެވަނަ ހޯދައިފިއެވެ.
މީގެ އިތުރުން މި ކެޓަގަރީގައި ބައިވެރިވި ސްޓާފް ސާޖަންޓް މުޙައްމަދު މުސްތަފާ ވެސް ވަނީ ފަސްވަނަ ހޯދާފައެވެ.
މިމަހު 8 ވަނަ ދުވަހު ކުރިއަަށްދިޔަ "ވިޕްރޯ ބެންގަލޫރު މެރެތަން" އިވެންޓުގައި ޖުމުލަ 4827 ދުވުންތެރިން ބައިވެރިވެ، ކޮންމެ ދުވުންތެރިއަކު 21.09 ކިލޯ މީޓަރު ފުރިހަމަ ކުރިއިރު، ސްޓާފް ސާޖަންޓް މުހައްމަދު ރަޝީދު އެ ރޭސް ނިންމީ އަށްވަނައަށެވެ.
އަދި، ސްޓާފް ސާޖަންޓް މުހައްމަދު މުސްތަފާ ރޭސް ނިންމީ 44 ވަނައަށެވެ.
މި ދުވުންތެރިންގެ ކޯޗަކީ، އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު ޝަގީފް އެވެ.