ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް މިއަދު ހެނދުނު ނަޝީދަށާއި މެމްބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.
މި ނޯޓިސް ފޮނުވާފައި މިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިދައުރުގެ ތެރޭގައި ކުރިއަށް ގެންދެވިދާނެކަމާއިމެދު ސުވާލު އުފައްދާފައިވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުން އެއް ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެފަހަރު ހުށަހެޅިދާނެ ކަމާއިމެދު ސުވާލު އުފެދެ އެވެ. މީގެ ކުރިންވެސް އެމްޑީޕީން ރައީސް ނަޝީދު މަގާމުން ދުރުކުރަން މައްސަލައެއް ހުށަހެޅި އެވެ. އެހެންނަމަވެސް ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ. އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ.
އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް، ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
8 މެއި 2019 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 67 ވޯޓްގެ އަގުލަބިއްޔަތަކުން މަޖިލިސް ރައީސް ކަމަށް ވަޑައިގެންނެނެވީ ރައީސް ނަޝީދެވެ. ނަޝީދާ ވާދަކުރެއްވު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.