2000 ބަސްތާ ހިލަވެލި ބަރުކޮށްގެން، މާލެއިން ނ. ކެނދިކުޅުދޫއަށް ދަތުރުކުރަމުންދަނިކޮށް ދިޔަވާން ފެށި "ކީސާ" ނަމަކަށް ކިޔާ 87 ފޫޓުގެ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، 5 ފަޅުވެރިންނާއެކު ދަތުރުކުރަމުންދަނިކޮށް އެ ބޯޓު ދިޔަވާން ފެށީ ޅ. ފެލިވަރު ކައިރީގައި އޮއްވައި އުޅަނދުގެ އަޑިން އަކަ ފޫޓެއްހާ ތަން ފަޅައިގެން ގޮސްގެން ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ރޭ 22:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 116" ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

މިގޮތުން، އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ޑައިވަރުން އެ ބޯޓު ކައިރިއަށް ފައިބައި، އުޅަނދުން ފަޅައިގެން ގޮސްފައިވާ ތަން ބައްދައިދިނުމުގެ އިތުރުން، އެ އުޅަނދުން ދިޔަހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެ އުޅަނދު މިހާރު ވަނީ ޅ.ފެލިވަރު ބަނދަރަށް ވަދެފައެވެ.

މި ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.