އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް އާއި ފްރާންސް އަދި ބެލްޖިއަމް ރޭ ކޮލިފައިވެއްޖެއެވެ.
ޕޯޗުގަލް ކޮލިފައިވީ ސްލޮވާކިޔާއާ ވާދަކޮށް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 3-2 އިން ކުރި ހޯދައިގެންނެވެ. ޕޯޗުގަލްގައި ކުޅުނު މިމެޗުގައި ޕޯޗުގަލްގެ ތަރިޔަކަށްވީ ދެލަނޑު ކާމިޔާބުކޮށްދިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަނެއް ލަނޑު ޖެހީ ކޮންގަލޯ ރާމޯސްއެވެ. ސްލޮވާކިޔާގެ ދެލަނޑު ކާމިޔާބު ކޮށްދިނީ ޑޭވިޑް ހަންކޯ އާއި ސްޓެއިންސްލާވްއެވެ.
މިމޮޅާއެކު ޕޯޗުގަލް ހިމެނޭ ގްރޫޕް "ޖޭ" ގެ އެއްވަނައިގައި އެގައުމު އޮތީ މިހާތަނަށް ކުޅުނު 7 މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސްލޮވާކިޔާ އޮތީ 13 ޕޮއިންޓާއެކުއެވެ.
ފްރާންސުން ޔޫރޯއިން ޖާގަ ހޯދީ ރަށުން ބޭރުގައި ނެދަލޭންޑްސްއާ ވާދަކޮށް 2-1 އިންނެވެ. ފްރާންސްގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭއެވެ. ނެދަލޭންޑްސްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހާޓްމަންއެވެ.
ގްރޫޕް "އެފް" ގައި ހިމެނޭ ބެލްޖިއަމުން ޔޫރޯގެ ޖާގަ ޔަގީން ކުރީ ރަށުން ބޭރުގައި އޮސްޓްރިޔާގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ތިން ލަނޑު ޖަހައި ބެލްޖިއަމުން ހަމަޖެހިލައިގެން ތިއްބައި އޮސްޓްރިޔާއިން ވަނީ ކައިރި ކައިރީގައި ދެލަނޑު ކާމިޔާބުކޮށް ބެލްޖިއަމް ސިއްސުވާލާފައެވެ.
އޮސްޓްރިޔާ މިމެޗުން ބަލިވިނަމަވެސް، ގްރޫޕުގެ ދެވަނަ ގައުމުގެ ގޮތުގައި ކޮލިފައިވުމުގެ ފުރުސަތު އެގައުމަށް ވަރަށް ބޮޑެވެ. މިގްރޫޕުގެ ދެވަނައިގައި އޮސްޓްރިޔާ އޮތީ 13 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ސްވިޑަން އޮތީ 6 ޕޮއިންޓާއެކުއެވެ.
ފްރާންސް އާއި ބެލްޖިއަމް އަދި ޕޯޗުގަލްގެ އިތުރުން ކުރިއަށް އޮތް ޔޫރޯއަށް ދެން ކޮލިފައިވެފައި ވަނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނެވެ.