ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސަހްޔޫނީ އިޒްރޭލުގެ ސިފައިން ޣައްޒާގެ 324 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރައިން ވިދާޅުވެއްޖެއެވެ.

ހައްދުފަނައެޅި އިޒްރޭލު ސިފައިން ޣައްޒާގެ 324 އަށްވުރެ ގިނަ މީހުން އެއްދުވަސް ތެރޭ ޝަހީދު ކޮށްލާފައި މިވަނީ ޣަައްޒާގެ އުތުރުގައި ދިރިއުޅެމުން އަންނަ 1.1 މިލިޔަން މީހުން ރައްކާތެރިކަން ބޭނުންނަމަ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް ދިން މުހުލަތުގެ ތެރޭގައިކަން ފާހަގަ ކޮށްލެވެއެވެ.

ރައްކާތެރިކަން ހޯދުމަށް ވެހިކަލްތަކުގައި ޣައްޒާގެ އުތުރުން ދަތުރުފެށި އެތައް ވެހިކަލްއަކަށް އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން މިސައިލުން ހަމަލާދިން ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ބުނެއެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާއިން 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާ ބެހޭ ވުޒާރައިން ހާމަ ކުރައްވައެވެ.

އިޒްރޭލުން މިވަގުތު ދަނީ ހުޅަނގު އައްސޭރިން ފަލަސްތީނުގެ މުޖާހިދުން ހައްޔު ކުރުމުގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި އިޒްރޭލު ސިފައިން ވަނީ މިހާތަނަށް ހުޅަނގު އައްސޭރިން ފަލަސްތީނުގެ 30 ފިރިހެނުން ހައްޔަރު ކޮށްފައެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރު ތެރޭގައި އެއްގަމު މަގުން ޣައްޒާގެ އުތުރަށް އެރުމަށްވެސް ޔަހޫދީ ސިފައިން ދަނީ ތައްޔާރު ވަމުންނެވެ.