އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެ ފަތިހު މަހަށް ނުކުމެ އުޅެނިކޮށް ގެއްލިފައިވާ ދަނގެތީ ނޫލައިޓް، 68 އަހަރުގެ ޔޫސުފް އިބްރާހީމް (ޔޫސުންބެ) ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެކަންޑް ސްކޮޑްރަނުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ޔޫސުންބެ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓްވެސް މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރު ކަމަށާއި މައުލޫމާތު ލިބުނު ގޮތުގައި އެމީހާ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ.
އަދި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ވަނީ ފެނިފައެވެ. މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތު ލިބިފައިކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި
މިމީހާ (ޔޫސުފް އިބްރާހީމް (ޔޫސުންބެ) އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރުމަށްވެސް އެމްއެންޑީއެފުން އެދެއެވެ.