އދ. ދަނގެތިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންގެންދާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އޭނާ ފެނިފައި ނުވިޔަސް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާ ކަމަށެވެ.

އެމީހާ އެރަށުން މަހަށް ފުރީ ކުޑަ އިންޖީނު ދޯންޏެއްގައެވެ. އޭނާ ހޯދުމަށްޓަކައި އިއްޔެވަނީ ޑައިވްކޮށްގެންނާއި، އޭރިއަލް ސަރޗް، އަދި ސަރފޭސް ސަރޗްތަކެއް ވެސް ކޮށްފައެވެ. ޑައިވްކޮށްގެން 78،850 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ބަލާފައިވެއެވެ. މި ޑައިވްތަކުގައި އެމްއެންޑީއެފް ޑައިވަރުންނާއެކު ދަނގެތީން ވެސް ޑައިވަރުން ބައިވެރިވިއެވެ.

މީގެ އިތުރުން ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓުގައި 156.87 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ވަނީ 4.11 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވެސް ބަލައިފައެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއަށް ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާއާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާއާއި، ނޯވާ މޯލްޑިވްސްއާއި، އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސްއާއި، އެރަށުގެ އާންމުންގެ ފަރާތުން އެހީތެރިކަން ދަނީ ލިބެމުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.