ލިޔުނީ: އަޒްހަދު / ނާހިދު

ޒަޔަނިސްޓް އިޒްރޭލުގެ އަނިޔާތަކުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ސަލާމަތްކޮށްދީ އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ރަޝިޔާއިން ރޭ ހުށަހެޅި ޤަރާރަށް އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސިވިލާތުން ދެކޮޅު ހެދުމުގެ ސަބަބުން ޤަރާރު ފެއިލް ވެއްޖެއެވެ.

ރަޝިޔާއިން ހުށައެޅި ގަރާރާ އެއްކޮޅަށް ވޯޓް ދިނީ ޗައިނާ، ޔޫއޭއީ، ގަބޯން އަދި މޮޒަންބީގުންނެވެ. ޤަރާރާ ދެކޮޅަށް ވޯޓް ދިނީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަޕާނެވެ. މިހަތަރު ޤައުމަކީ ބައިނަލްއަގުވާމީ މައިދާނުގައި އެކައްޗެއް ކިޔަމުން އަންނަ ހަތަރު ޤައުމުކަން ފާހަގަ ކޮށްލެވެއެވެ.

ސަލާމަތީ މަޖިލީހުގައި 15 މެމްބަރު ގައުމު ހިމެނޭއިރު، މީގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ 5 ގައުމުވެސް ހިމެނެއެވެ. އެއީ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސެވެ. ސަލާމަތީ މަޖިލީހަށް ހުށަހަޅާ ޤަރާރަކަށް މިއިން ޤައުމަކުން ދެކޮޅު ހަދައިފިނަމަ އެޤަރާރެއް ބާތިލް ވާނެއެވެ.

ރަޝިޔާގެ ޤަރާރަށް އެމެރިކާއިން ވޯޓް ނުދިން ސަބަބެއް ކަމުގައި ދެއްކީ މިޤަރާރުގައި ހަމާސް ކުއްވެރި ކޮށްފައި ނެތުމެވެ. ރަޝިޔާއިން ބުނެފައި ފަލަސްތީނުގެ ބިން ދިފާއު ކުރުމުގެ ހައްޤު ހަމާސް ޖަމާއަތަށް ލިބިގެންވާ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ މިބައްދަލުވުމުގައި ބްރެޒިލް އިންވަނީ ހަމާސްގެ ޖިހާދު ކުށްވެރިކޮށް ގަރާރެއް ހުށަހަޅާފައެވެ. ނަމަވެސް ރަޝިޔާ އިން މިގަރާރާ ދެކޮޅުހެދުމުގެ ސަބަބުން މިޤަރާރުވެސް ފާސްވާ ގޮތެއް ނުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު މީހާރު ވަނީ 3000 އަށް ވުރެ މައްޗަށް ގޮސްފައެވެ. މީގެ ތެރެއިން %64 އަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއެވެ.