ހދ. ކުޅުދުށްފުށި ސިޓީގެ އެއާޕޯޓުގައި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް އިިތުރު ފަރުވާ ދިނުމަށް މިރޭ މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެމީހާ މާލެ ގެނައީ ޑޯނިއާ މަތިންދާ ބޯޓުގައި ކަމަށެވެ. އެމީހާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.

މި ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ އެއާޕޯޓުގައި ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލް ކުރުމުގެ ތެރޭގައި އެ ގޮވައިގެންނެވެ. އެ މީހާގެ އަތަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އިރު، އޭނާއަކީ އެއާޕޯޓްގައި މަސައްކަތް ކުރާ 37 އަހަރުގެ ފަޔާ ފައިޓަރެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެއިތުރުން މި ހާދިސާގައި އިތުރު ތިން މީހަކުވެސް ޒަހަމްވިއެވެ. އަދި އެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ކުޅުދުށްފުށި ސިޓީ އެއާޕޯޓުގައި އަލިފާން ނިއްވުމުގެ ތަމްރީނުތަކެއް ހެދުމަށް ގޭސް ސިލިންޑަރަކަށް ގޭސް އަޅަން އުޅުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވުމުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވިއެވެ.

އެ ހަތަރު މީހުންނަކީ ވެސް ކުޅުދުށްފުށި ސިޓީ އެއާޕޯޓުގެ މުވައްޒަފުންނެވެ. އޭގެތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

އިތުރު ފަރުވާއަށް މާލެ ގެނައީ 37 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާގައި އެ މީހާގެ އަތް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ