ސްޕެނިޝް ލަލީގާގައި ރޭ މަޝްހޫރު ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލު ކުރި މެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.

މިމެޗަށް ބޮޑު ސަމާލު ކަމެއް ލިބުނީ މިމެޗަކީ ރެއާލްގެ ކުރީގެ ކާމިޔާބު ކެޕްޓަން އަދި މަޝްހޫރު ޑިފެންޑަރު ސާޖިއޯ ރާމޯސް ރެއާލްއާ ދޫކޮށް 2021 ވަނަ އަހަރު ދިޔުމަށްފަހު އެކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ވުމުންނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ އެގާރައަށް ސެވިއްޔާ ޓީމުގައި ހިމެނިގެން ރާމޯސް ކުޅެން ނިކުތެވެ. ސެވިއްޔާއިން ރެއާލްގެ އެޓޭކްތައް ހުއްޓުވުމުގައި ރާމޯސްގެ ތަޖުރިބާގެ ބޭނުން ހިފިތަން މިމެޗުގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

ސެވިއްޔާއިން މެޗުގައި ލީޑް ނެގީ 74 ވަނަ މިނެޓުގައެވެ. މިއީ ރެއާލްގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ހަތަރު މިނެޓް ފަހުން ޑިފެންޑަރު ޑެނީ ކަވަހަލްގެ ލަނޑުން ރެއާލްއިން ނަތީޖާ ހަމަހަމަ ކުރީއެވެ.

މިނަތީޖާއާއެކުވެސް ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލްއެވެ. އެއީ 10 މެޗުން ހޯދި 25 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ރޭ ސެލްޓަވީގޯ އަތުން 3-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. މިމެޗުގައި އެތުލެޓިކޯއަށް ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ގްރީޒްމަންއެވެ. އެތުލެޓިކޯ ދެވަނައިގައި އޮތީ 9 މެޗުން ހޯދި 22 ޕޮއިންޓާއެކުއެވެ.

ލަލީގާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ބާސެލޯނާ އާއި އެތުލެޓިކޯ ބިލްބާއޯ ބައްދަލު ކުރާ މެޗެވެ.