ޔުރޮޕާ ލީގުގައި ރޭ އިޓަލީގެ ރޯމާ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު، އިނގިރޭސިވިލާތުގެ ބްރައިޓަން ދެވަނަ ބުރުގެ އުއްމީދު އައު ކޮށްފިއެވެ.

މަޝްހޫރު ކޯޗް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާ މޮޅުވީ ސަލަވިއާ ޕްރާހާއާ ވާދަކޮށް 2-0 އިންނެވެ. ލަނޑުތައް ކާމިޔާބު ކޮށްދިނީ އިޑޮއާޑޯ ބޯވް އާއި ރޮމެލޫ ލުކަކޫއެވެ.

މިމޮޅާއެކު ގްރޫޕް "ޖީ" ގެ އެއްވަނައިގައި އޮވެ ރޯމާ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ މިހާތަނަށް ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޕްރާހާ އޮތީ 6 ޕޮއިންޓާއެކުއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބްރައިޓަން ޔުރޮޕާ ލީގުގައި ފުރަތަމަ މޮޅު ހޯދީ ރޭ އަމިއްލަ ދަނޑުގައި އަޔަކްސްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޖޮއާއޯ ޕެޑްރޯއެވެ. ދެވަނަ ލަނޑު ބާސެލޯނާގެ ކުރީގެ ފޯވާޑް އަންސޫ ފާޓީ ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ.

މިމޮޅާއެކު ގްރޫޕް "ބީ" ގެ ތިންވަނައިގައި ބްރައިޓަން އޮތީ 4 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތެންސަށަށްވެސް ލިބިފައި ވަނީ 4 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ފްރާންސްގެ މާސޭ އޮތީ 5 ޕޮއިންޓާއެކުއެވެ.