ބައިވެރިޔާގެ އެކްސް އާ ބައިވެރިޔާ ގުޅުން ބާއްވާ ކަމަށް ޝައްކުކޮށް ބަސްތައް ބުނުމަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. އަދި މިއީ ގުޅުމެއް ހީނަރުވެގެންދާން އެހާމެ އަވަސް މައްސަލައެއްވެސްމެއެވެ.
ގިނަފަހަރު މިހެން ކަންތައް ދިމާވަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން ކުޑަވުމުންނެވެ. އަދި މިގޮތަށް ތިމާގެ ބައިވެރިޔާއާމެދު ހިތް ޝައްކުވުމުން ދިމާކުރުމާއި ބަސް ބުނުމުން ލިބޭ ގެއްލުން ފަހުމުވާއިރު އޮންނަނީ ވަަރަށް ބޮޑަށް ލަސްވެފައެވެ.
ކޮންމެ މީހަކުވެސް ދެވަނަ ގުޅުމެއް ފަށަނީ މާޒީގެ ހަނދާންތަކާ ދުރަށް ގޮސް ރަނގަޅު ދިރިއުޅުމެއް ކުރިއަށް ގެންދިއުމުގެ ނިޔަތުގައެވެ. ބައެއްފަހަރު މާޒީގެ އެލައްޕާލި ބާބަކީ ވަރަށް ބޭނުންވެގެން ކުރާހިތުން ކުރި ކަމެއްގެ ބާބަކަށް ވެސް ވެދާނެއެވެ. މިފަދަ ހާލަތުގައި އެބާބު ލައްޕާލާފައި އައިސް ހުންނަ މީހާއަށް ދެވަނަ ފަހަރު އެހަނދާން އާކޮށްދިނުމަކީ އެއްވެސް ހާލެއްގައި ރައްކާތެރިކަމަކަށް ނުވާނެއެވެ.
ލޯތްބަކީ ދެމީހަކު އެކުވެގެން ބިނާ ކުރާ އޯގާތެރިކަމާއި އަޅާލުމާއި ހިއްސާކުރުމުގެ މައްޗަށް ބިނާވާ އިހްސާސެކެވެ. އެގޮތުން އުފެދި ހަރުދަނާ ވާ ގުޅުމެކެވެ. އެހެންކަމުން ޖެއްސުމަކަށް ނޫނީ މަޖަލަކަށް ނުވަތަ ގޮތް ބަލާލުމަށް، "އަދިވެސް އޭނަދެކެ ލޯބިވޭތޯ" ބެލުމުގެ ނިޔަތުގައި ވިޔަސް ބައިވެރިޔާއާ "އެކްސް"ގެ ނަން ހިމަނައިގެން ދިމާކޮށް ނުހަދާށެވެ. އޭގެ ނަތީޖާ ހީވެސް ނުކުރާހާ ގޯސްވެދާނެވެ.
"އެބަހުރި އަލުން އެކްސް އާ ގުޅިފައިވެސް، ދެވަނަ ކައިވެނި ރޫޅާލައި އަލުން ބަލުން ވަކިވި ދެމީހުން ގުޅިފައިވެސް، ސަބަަބަކީ އެގޮތަށް ކުރީގެ ބައިވެރިޔާއާ ތިމާއާ އަޅާކިޔައި ދިމާކޮށް ބަސްބުނެ ހެދުމުން ނެތިފައި ހުންނަ ހަނދާން އާވާނެތީ، މިއީ އެއްގޮތަކަށްވެސް ރައްކާތެރި ރަނގަޅުކަމެއް ނޫން. އެބައިވެރިޔާއާއެކުގައި ނޫޅެ އޭނާ ދޫކޮށްލާފައި އައިސް ތިމާއާއެކުގައި އަލުން ހަޔާތެއް ފެށީ އެއީ ތިމާ ހާއްސަ ވީމަ ކަން ގަބޫލުކުރަންވާނެ، ކުރީގެ ގުޅުމާ އަޅާ ކިޔައި ދިމާކުރުމަކީ ނައްތާލަން މަސައްކަތް ކުރާ ހަނދާން އާލާވާނެ ކަމެއް."
ފެމިލީ ކައުންސެލިންދޭ ފަރާތަކުން ކިޔައިދިން ގޮތުގައި މިއީ ވަރަށް އާންމު މައްސަލައެކެވެ. އަދި މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައުންސެލަރު ބުނި ގޮތުގައި އޭނާއާ މިފަދަ ގިނަ މައްސަލަތައް ދިމާވިއެވެ. މިފަދަ ހާލަތުގައި ކުރީގެ ބައިވެރިޔާ ގާތަށް އެނބުރި ދިޔައީއޭ ނުބުނެވޭނެއެވެ. އޭގެ ބަދަލުގައި ތިމާގެ ކުށުން ދާން ޖެހުނީކަން ގަބޫލުކުރާށެވެ.
ދިމާވާ ކަންކަމުގައި ކުރީގެ ބައިވެރިޔާގެ ކަންކަމަށް ގޮވައި، އެވާހަކަތައް ކިޔުމަކީ ތިމާއަތުން ތިމާގެ ލޮލަށް އިލޮށްޓެއް ހެރުމެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވާށެވެ. ކޮންމެ ދިރިއުޅުމެއްގައިވެސް މައްސަލަ ޖެހޭނެއެވެ. ޖެހޭ މައްސަލަ ހައްލުކުރުމަކީ ދިރިއުޅުމުގެ ހަގީގީ މާނައިގައި ކުރެވޭ ހަނގުރާމައިގައި ފަތަހަ ލިބުނެވެ. ލޯބި ލިބޭނީ ދީގެންނެވެ. އިތުބާރާއި ޔަގީންކަމުގައި އޯގާތެރިކަން ހިއްސާކޮށްގެން ނޫނީ ލޯތްބެއް ބިނާ ނުކުރެވޭނެއެވެ.