އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމްކޯޓަށް ލިބިގެން ނުވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ނަޝީދުގެ މައްސަލައަަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވެފައިވާއިރު، އެޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

މި މައްސަލައިގައި މިއަދު ވާހަކަދައްކަވަމުން ދަ ޑީމޮކްރެޓްސްގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އަދި 95 ވަނަ މާއްދައަށް ރިއާޔަތް ކުރާއިރު ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އަސްލީ އިހްތިސާސެއް ލިބިގެން ނުވާ ކަމަށެވެ.

މަޖިލިހުގެ ނިންމުންތަކަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ޝާއިރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ފަރާތުންނާއި ތަދައްހުލްވެފައިވާ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވެސް ފާހަގަކުރި ފަދައިން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމަށާއި އާ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން ޝާއިރު ވިދާޅުވީ މަޖިލީސް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝާއިރު ވިދާޅުވީ، މަޖިލީސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ވާނީ ސީދާ ނައިބް ރައީސްކަން އޮތީ ހާއްސަ ހާލަތެއްގެ ދަށުން ކަމަށެވެ. ޝާއިރުގެ މި ވާހަކައަށް ފަނޑިޔާރު ހުސްނުއްސުއޫދު، އެ ހާއްސަ ހާލަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން ބަޔާންކޮށްފައި ވަނީ މަސްލަހަތު ފުށުއަރާނެތީ ކަމަށް ދައުލަތުން ވެސް ފާހަގަކޮށްފައިވާ ކަން ހާމަކުރައްވައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރާއިރު ވަކި ފަރާތެއް ރިޔާސަތު ބަލަހައްޓަން ޖެހޭކަން ގަވާއިދުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑިމޮކްރެޓްސްއިންގެ އިންޓެރިމް ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ލިބިގެންވާ ހުރިހާ ބާރުތަކެއް، ރައީސް ނެތް ހާލަތެއްގައި ނައިބް ރައީސަށް ލިބިގެންވާ ކަމަށެވެ. އެ ބާރުތައް މަޖިލީހުގެ ކޮންމެ ކޮންމެ މެމްބަރަކަށް ނުލިބޭނެ ކަމަށެވެ. އެހެންވެ، 205 ވަނަ މާއްދާގައި ބަޔާންކޮށްފައި އެ ވަނީ ހާއްސަ އިޖުރާއަތެއް ކަން ފާހަގަކުރެއްވި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ޝާއިރު އިތުރަށް ވިދާޅުވެފައި ވަނީ މިކަމުގެ ތެރެއިން ގާނޫނީ ހުސްކަމެއް ވެސް ނެތް ކަމަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ ނިންމުމަށް ތާއީދުކޮށްފައިކަމަށްވެސް ޝާއިރު ވަނީ ވިދާޅުވެފަވެ.

ސުޕްރީމް ކޯޓުގައި ނަޝީދުގެ މި މައްސަަލަ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވަމުންދާއިރު ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.