އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ގުޅިގެން ހިންގި ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯސް، "ސެޓްފިކެޓް 4 އިން ސްޕެޝަލް އޮޕަރޭޝަންސް 5" ކޯސް ފުރިހަމަކުރި ސިފައިންނަށް، ސްޕެޝަލް ފޯސަސް (އެސްއެފް)ގެ ޓެބް ހަވާލުކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސިފައިންގެ ޔުނިފޯމްގައި އެސްއެފް ޓެބް ހަރުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި ކޯސް ފުރިހަމަކުރި ސިފައިންނަށް މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ކޮމާންޑިންގ އޮފިސަރ މޭޖަރ ޖެނެރަލް ވައިސް ވަހީދު އެވެ.

މީގެ އިތުރުން ކޯހުގެ މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޝާމިންއެވެ. 1 އަހަރާއި 15 ދުވަހުގެ މުއްދަތަކަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް، ލ.ކައްދޫގައި ކުރިއަށްގެންދިޔަ މި ތަމްރީނުގައި ޖުމްލަ 42 ސިފައިން ބައިވެރިވެ، އޭގެ ތެރެއިން ކޯސް ފުރިހަމަކޮށް 18 ސިފައިން ވަނީ ފާސްވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެއިތުރުން، މި ކޯހުން ފާސްވި ސިފައިންގެ ތެރެއިން 15 ފަރާތެއް ޑިސްޓިންކްޝަން ހާސިލުކުރިއިރު، ތިން ސިފައިން ވަނީ ހަޔަރ ޑިސްޓިންކްޝަން ހާސިލުކޮށްފައެވެ. އަދި މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނާއި މުހާތަބު ކުރައްވައި ޝަރަފުވެރި މެހެމާނު، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސްޕެޝަލް ފޯސަސް ތަމްރީނަކީ ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މިގޮތުން މި ކޯސް ބިނާވެގެންދަނީ ރާއްޖޭގައި ފުރިހަމަކުރާ ކޮލިފިކޭޝަން ތަމްރީނުގެ މަރުހަލާ އާއި، ސްރީލަންކާގައި ފުރިހަމަ ކުރާ އެޑްވާންސް ޓްރޭނިންގ މަރުހަލާއެވެ. މިގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހުގެ މުއްދަތަކީ 1 އަހަރާއި 15 ދުވަހެވެ. މީގެ އިތުރުން ސްރީލަންކާގައި ކުރިއަށްގެންދާ އެޑްވާންސް ތަމްރީނަކީ ފަސް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ތަމްރީނެކެވެ.

ސްރީލަންކާގައި ކުރިއަށްދާ ފޭސްގައި އެއަރބޯން ޓްރޭނިންގ އާއި އެންޓި ހައިޖެކް އަދި ހޮސްޓެޖް ރެސްކިއުއާއި ޖަންގަލް ވޯފެއަރ ފަދަ މާއްދާތައް ކިޔަވައިދޭނެއެވެ. ސްރީލަންކާގައި ކުރިއަށްގެންދާ މި ތަމްރީނު މަރުހަލާ ނިމުމުން އެސްއެފްގެ ބެރޭއާއި ބެޖް އަދި ޔުނިފޯމް ލިިބި، ސްޕެޝަލް ފޯސަސްގެ އޮޕަރޭޓިވްއަކަށް އެ ސިފައިންގެ މީހާ ވެގެން ދާނެއެވެ.

ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހަކީ ސްޕެޝަލް ފޯސަސްއާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ މިންގަނޑަށް ހިންގާ ކޯހެކެވެ. މި ކޯސް ކާމިޔާބު ކަމާއެކު ގެންދިއުމަށް އެމްއެންޑީއެފް އެކި ޔުނިޓްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ސްޕެޝަލް ފޯސަސްގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، ސަރވިސް ކޯރގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ހާމިދު ޝަފީގުގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި ޔުނިޓް ކޮމާންޑަރުންވެސް ބައިވެރިވެލެއްވިއެވެ.