ސްކޫލުތަކުގެ ކަރިކިޔުލަމްގައި ހިމެނޭ ތިމާވެށި ފިލާވަޅަކަށް މައުލޫމާތު ހޯދުމަށް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ ދަރިވަރުން، އެމްއެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައި މިވަނީ ސްކޫލުތަކުގެ ތިމާވެށި ފިލާވަޅެއްގައި ހިމެނޭ ދިވެހިރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށެވެ.

މިގޮތުން، އެ ސްކޫލުގެ ގްރޭޑް 3 ގައި ކިޔަވަމުންދާ 83 ދަރިވަރުން ވަނީ އެމްއާރުސީސީއަށް މިއަދު ޒިޔާރަތްކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ މި ޒިޔާރަތުގައި، އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހުގެ މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.

އަދި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވާފައިވެއެވެ. އެމްއާރުސީސީގެ ފަރާތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ.

އެމްއާރުސީސީއަކީ، ދިވެހިރާއްޖޭގައި ހެދޭ ވަރަށް ގިނަ ގަސްތައް ހައްދާފައިވާ މަރުކަޒެކެވެ.