އިހުގައި މީހުން ހެނދުނުގެ ކޮފީއާއެކު ނޫސް ބަލާ އުސޫލުން އަޅުގަނޑަކީ ހެނދުނުގެ ކޮފީއާއެކު ސޯޝަލްމީޑިޔާގެ އެކައުންޓުތައް ބަލައި ގައުމުތެރޭގައާއި ދުނިޔެތެރޭގައި ހިނގާ ކަންކަމަށް ނަޒަރު ހިންގުމަށް އާދަވެފައި ވާ މީހަކީމެވެ. އާދައިގެ މަތިން މިއަދުވެސް ކޮފީ ތަށި ހިފައިގެން ހަމަޖެހިލައިގެން އިށީނދެ ލެޕްޓޮޕް ހުޅުވާލީމެވެ.

ފޭސްބުކް ޕޯސްޓުތައް ސްކްރޯލް ކުރަމުން ދަނިކޮށް އަޅައިގަތީ "އަޅުގަނޑުމެންނަކީ މިތަކެތި ބޭނުން ކުރި ޖީލުގެ މީހުންނީމެވެ" މިބަސްކޮޅު ޝެއާކޮށްފައިވާ ޕޯސްޓެކެވެ. އެ ބުނާ ޖީލަކީ އަޅުގަނޑުގެވެސް ޖީލު ކަމަށްވާތީ ވަރަށް ޝައުގުވެރިވެއްޖެއެވެ. ޒަމާންވީ ހަނދާންތައް އާލާ ވެގަތީ ފަށްފަށްކޮށްފައިހުރި ކަރުދާސްތަކެއް ނިއުޅިގަތް ބީދައަކުންނެވެ.

އޭގެ ފަހުން މިއަދު މިހިސާބަށް އައިއިރު "ޓްރެންޑަކަށް" "އަހަރެމެންނަކީ މިވެނިއެވެނި.....ޖީލު!" މިގޮތަށް ޕޯސްޓު ޝެއާކުރުން ވެއްޖެއެވެ. އެފްބީގެ އެކިދިމަދިމާލުން ތަފާތު ތަކެއްޗާއެކު މިފަދަ ޖުމްލަތައް ފެންނަމުން އެބަދެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ މީހުންނަށް ކަމުދިޔައީ "އަލީ މާޖިދު"ގެ ޕޯސްޓުތަކެވެ. މި ޓްރެންޑް ފެށުނީވެސް އަލީ މާޖިދުގެ ޕޯސްޓަށް ފަހުގައެވެ.

ފޭސްބުކްގައި އަލީމާޖިދު ހިއްސާކުރި ޕޯސްޓް.....ފޮޓޯ:އަކީމާޖިދު އެފްބީ
  • އަހަރަމެންނަކީ ފަތިހު މީހުން ހޭލަންވާއިރަ އެހެން ގެ ތަކުގެ ހުރި ކުންނާރުގަސް ތަޅާލި ޖީލުގެ ބައެއް

  • އަހަރެމެންނަކީ މަންމައަށް ވަގަށް މޫދަށް އެރިގެން އަވީގަތިބެ ހިކިގެން ގެއަށް އަންނަ ޖީލުގެ މީހުން

  • އަހަރެމެން މީ ފުޅިއަކުން 40 ތަށި ގިރޭ ސަންކުއިކް ޖުހާއި، މާމުއި އަދި ކޯސްޓު ކިރު ދަޅު ގަނެގެން ހިލޭ ތަށި ހޯދި ޖީލުގެ މީހުން

  • އަހަރަމެންނަކީ އެކަނި ހިނގާފައި ސްކޫލަށް ގޮސް އެކަނި ހިނގާފައި ގެއަށް އައި ޖީލުގެ ބައެއް

  • އަހަރެމެން މީ ފެންވަރަން ވަދެފައި ވަޅުގައި އޮންނަ މަހަށް ދާނިން ގޯނާކުރި ޖީލް!

  • މިހާރުގެ ކުދިންނަށް ނޭނގުނަސް މިތިބީ އަހަރުމެން ޖީލުގެ ލެޖެންޑުންނެވެ. އަހަރެމެން ލައްވާ ކަންކަން ކުރުވުމަށް މި ލެޖެންޑުންގެ އެހީ ހޯދާފައިވެއެވެ.

  • އަހަރުން މީ ވޮށި ފިލާ އަޅަން ގޮސް އެދުރުގޭ ކުންނާރު ގަހަށް ފައިވާން އުކާފަ ހުސް ފަޔާ ގެޔަށް އައި ޖީލު

  • އަހަރެމެންނަކީ ހުކުރު ދުވަސް ނޫން ދުވަސްތަކުގައި މޫދަށް އެރިފައި އަދަބުން ސަލާމަތްވާން އަވިން ހިކިގެން ގެއަށްދިޔަ ޖީލުގެ މީހުން.

  • އަހަރެމެން މީ mig33 އިން ކިކް ކުރި ޖީލް މީހުން..!

ފޮޓޯ: އަލީ މާޖިދު އެފްބީ

ކޮން ޖީލެއްގެ ތޯ ހިއްސާ ކުރުމަށް އަލީމާޖިދު ހެނދުނު ލާފައިވާ ޕޯސްޓުން އަޅުގަނޑަށް ހިތުން ފޮހެނުލެވުނު ތަސްވީރެއް ފެނުނެވެ. މިޒަމާނުގެ ކުދިންނަށް ފެންނާނެހެނެއް ހިއެއްނުވެއވެެ. "ކުޑަކުދިންގެ ކޮށި" އެޒަމާނުގައި ތައްޔާރުކުރަނީ ލަކުނޑިފިލާ ބޭނުންކޮށްގެން އެގޮތަށެވެ. މި ތަސްވީރުން ތުއްތު ދެކުދިން ތިބި ގޮތާއި އެދެކުދިންގެ ހަށިގަނޑުގެ ހަރަކާތްތައް އެވަގުތު ހުރި ގޮތުން މި މަންޒަރު ކެމެރާއެއްގެ އެހީގައި ރައްކާކުރި މީހާގެ މޮޅުކަމަށްވެސް ތައުރިފު ކުރެވޭހާވާނެއެވެ.

ކޮންމެއަަކަސް މި ތަސްވީރު ކިޔައިދެނީ ވަގުތުގެ އިހުސާސްތަކެވެ. ހަނދާން ނައްތާނުލެވޭނެ އެތައް ކަމެއް ގުޅިފައިވާ މިކޮށި ފެނުމުން ހިތަށް އެރިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކޮށީގައި ތިބެގެން ބޮޑުވި ޖީލުގެ ކިތައް މީހުން އެބަތިބިވާބައެވެ!"