ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވައިދު ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.

ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ.

ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން މި ނިންމި ނިންމުމުން ވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވިއެވެ.