މަދިރީގެ ތެރޭގައި ހިމެނޭ އީޑީސް އަކީ ޑެންގޫ ހުން ފަތުރާ ވައްތަރެވެ. މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން އާންމު ވަމުންދާ ދުވަސްވަރެއްކަމަށް ވާތީ އަދި ޑެންގޫ ހުމަށް ގިނަ މީހުން ފައްސިވާ އަޑުތައްފެތުރެމުންދާތީ މިއީ މަދިރިން ސަލާމަތްވެ ރައްކާވެ ތިބުން މުހިންމު ދުވަސްވަރެއްކަން ޔަގީނެވެ. އާންމުކޮށް ވެސް މަދިރިން ރައްކާތެރިވެ ތިބުން ބޭނުންތެރިއެވެ.

މަދިރި މަދުކުރުމަށް ވަރަށް ކުޑަކުޑަ ކަންތައްތައް ކޮށްލެވޭނެއެވެ. ނަމަވެސް މަދިރި އާލާވުން އިތުރުވަނީ އެކަމަށް ފަރުވާކުޑަ ކުރެވޭތީއެވެ. ހާއްސަކޮށް ވާރޭވެހޭ ދުވަސްތަކުގައި ސަމާލުކަންދޭން ޖެހޭ ކަންކަމަށް ހާއްސަކަމެއް ބެހެއްޓުމުން މިފަދަ ބަލިތަކުން ސަލާމަތްވުން ފަސޭހަވެގެންދެއެވެ.

ވާރޭ ވެހޭ ސަރަހައްދުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް ސަމާލު ވުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެކެވެ. ފެން ހަރުލާގޮތަށް ހުންނަ ދަޅާއި ފުޅި ފަދަ ތަކެތި ނައްތާލައި ފެންހަރުލާ ތަންތަން ނައްތާލެވިދާނެއެވެ. ތާގީތަކާއި ފެންވަޅުފަދަ ތަންތަން ސާފުކޮށް ކްލޮރިން އަޅައި މަތި ބަންދުކުރަން ޖެހޭނެއެވެ.

އަލަށް ހަދާ ގެތަކާއި އިމާރާތް ހުންނަ ބިންތަކުގައި ކޮނެފައި ހުންނަ ވަޅުތަކާއި ފެންވަޅު، ދިޔަދޮވި، ގަސްމުށި ފަދަ ތަންތަން ބަލައި ސާފު ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ. ފުނިޖެހިފައި ހުންނަ ކުނިތަކުގެ ތެރޭ ފެންހަރުލައި މަދިރިފަނި އާލާވުމުން ސަލާމަތް ކުރެވިދާނެއެވެ.

ހޫނު އަނދިރިތަންތަނުގައި ފޮރުވިގެން ތިބުމަކީ މަދިރީގެ ފިތުރަތުގައި ހުންނަކަމެކެވެ. ކުޑަކުޑަ މިސޫފި އަރާމުހޯދަނީ ގޭގެ އަނދިރިކަންކަނުގައެވެ. ރޭވެ އަނދިރިވުމުން މިތަކެތި ގޭތެރެއަށް ފެތުރިގަންނަނީ އެތަކެތީގެ ކާނާ ހޯދުމުގައެވެ. އަހަރެމެން އިންސާނުންގެ ލެއާއި ނުދޮވެ ހުންނަ އަންނައުނުގައި ހުންނަ ދަލާއި ތެތް އަންނައުނުންވެސް ދިޔަ ދަމައި ބުއިމުގެ މަސައްކަތް ކުރާނެއެވެ.

އެހެންކަމުން އަލަމާރިތަކުގައި، ސިންކުތަކުގެ ދަށުގައި ނުވަތަ ފަރުނީޗަރުގެ ދަށުގައި ފޮރުވިގެން ތިބިޔަ ނުދިނުމަށް ފޮޅާ ސާފުކުރަން ޖެހޭނެއެވެ. ދާވެފައި ހުންނަ ތަކެތި ފުނިޖަހާފައި ނުބެހެއްޓުމާއި ތަންތަނުގައި އަޅުވާފައި އަންނައުނު ނުބެހެއްޓުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. މިއީ މަދިރިން ސަލާމަތް ވާން އެންމެނަށްވެސް ކުރެވިދާނެ ކަންތައްތަކެކެވެ.

އުއްބައްތި، ދުންދަނޑި، އަދި އެސެންޝިއަލްއޮއިލް ބޭނުންކުރުމަކީވެސް މަދިރިން ރައްކާތެރިވެވިދާނެ ކަންކަމެވެ.

ލުނބޯ ދެފަޅިކޮށްފައި، ލުނބޯފަޅިތެރޭގައި ކަރަންފޫ ޖަހާފައި ބެހެއްޓުމުންވެސް މަދިރިތަކުން އަމާންކަން ހޯދޭނެއެވެ.

މަދިރި ދާގަނޑު، ލެވެންޑާ، ފޮނިތޮށި، ޓީޓްރީ އޮއިލް، ލޮނުމެދު ސްޕްރޭ، ޔޫކަލިޕްޓަސް ތެޔޮ، މަދިރި ސްޕްރޭ ފަދަ ތަކެތި ބޭނުންކޮށްގެން އުޅޭ ތަނާއި ނިދާތަން މަދިރިން ރައްކާތެރި އަމާންތަނަކަށް ހެދިދާނެއެވެ.

(ނޯޓް: މައުލޫމާތު: ހެލްތުލައިން)