ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އެމެރިކާގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް، ލެރީ ކިންގް މަރުވެއްޖެއެވެ.

ލެރީ ކިންގް މަރުވީ ލޮސް އެންޖެލެސްގެ ސެޑާސް ސައިނާއީ މެޑިކަލް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. ކޮވިޑް 19 ޖެހިގެން ލެރީ ކިންގް ހަސްފަތާލުގައި އެޑްމިޓް ކޮށްފައިވަނީ ޖެނުއަރީ 2 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ލެރީ ކިންގް މަރުވިއިރު އުމުރަކީ 87 އަހަރެވެ. ލޭރީ މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައިއެވެ. ލެރީ ކިންގް އަކީ މީގެ ކުރިންވެސް ބޮޑެތި ގިނަ ބަލިތަކަށް ފަރުވާ ހޯދާފައިވާ ހައި ރިސްކް ޕޭޝަންޓެކެވެ. އޭނާ ވަނީ ބައިޕާސް ސާޖަރިއެއް ހަދައިފައެވެ. އަދި ފުއްޕާމޭގެ ކެންސަރަށް ވެސް އޭނާ ފަރުވާ ހޯދާފައިވެއެވެ. އޭނާ އައީ ހަކުރު ބައްޔަށް ވެސް ފަރުވާ ހޯދަމުންނެވެ.

ލެރީ ވަނީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ހެލްތު އިންޝުއަރެންސް ނެތް މީހުންނަށް އެހީވުމުގެ ގޮތުން "ލެރީ ކާޑިއެކް ފައުންޑޭޝަން" ނަމުގައި 1988 ވަނަ އަހަރު ފައުންޑޭޝަނެއް ހުޅުވާފައިއެވެ.

މީޑިއާގެ ދާއިރާގައި ޚިދުމަތްކޮށް، ގިނަ ބައެއްގެ ތައުރީފު ހޯދާފައިވާ ލޭރީ ކިންގް ވަނީ ގިނަ އެވޯޑްތަކެއްވެސް ހާސިލު ކޮށްފައެވެ. އޭގެ ތެރޭގައި އެމީ އެވޯޑްވެސް ހިމެނެއެވެ.

އާންމުންގެ މެދުގައި ލެރީ ކިންގް މަޝްހޫރުވެފައި ވަނީ 1970 ގެ އަހަރުތަކުގައި އޭނާ ހުށަހަޅައިދިން ދަ ލެރީ ކިންގް ޝޯ އާއެކުއެވެ. އޭގެފަހުން 1985-2010 ވަނަ އަހަރާ ދެމެދު އޭނާވަނީ ލެރީ ކިންގް ލައިވް ގެނަމުގައި ސީއެންއެންގައި ޚާއްސަ ޓޯކް ޝޯއެއް ހުށަހަޅައިދީފައިއެވެ. ކިންގް ވަނީ ބްރޯޑް ކާސްޓިން ގެ ދާއިރާގައި 60 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށް 50000 އަށްވުރެ ގިނަ އިންޓަރވިއުކޮށްފައިއެވެ.