މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓުންނެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވަނީ 10 މެންބަރުން ވޯޓު ދީފައެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވަނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު މަގްސަދަކީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރު ހަރަދުވާނެ ކަމަށް ބެލެވޭތީއެވެ.

މިއަހަރު ދައުލަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، 49.3 ބިލިއަން ރުފިޔާއަށް މިއަހަރުގެ ޖުމްލަ ބެޖެޓު އަރާފާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.

އެގޮތުން، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. އަދި އާސަންދައަށް 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ވަނީ 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

އޭގެ އިތުރުން، ފަހުން ސަޕްލިމަންޓްރީ ބަޖެޓަށް ގެންނެވި އިސްލާހުގައި، ވަނީ މީޑީއާތައް ހިންގުމުގައި އެހީތެރިކަން ދިނުމަށް ވެސް ފައިސާ ހިމަނާފައެވެ. އެގޮތުން ރެޖިސްޓްރީކޮށްގެން ހިންގާ ބްރޮޑްކާސްޓް ހިދުމަތްދޭ ކުންފުނި މީޑިއާއަށް ހާއްސަކޮށް ހުށައެޅި 6.5 މިލިއަން ރުފިޔާގެ ބަޖެޓު ވަނީ ފާސްކުރި ބަޖެޓުގައި ހިމަނާފައެވެ.

މި ސަޕްލިމަންޓްރީ ބަޖެޓު ފާސްވެގެން ދިއުމަކީ، މިހާރުގެ އަދި އައު ސަރުކާރަށްވެސް ވަރަށް މުހިންމު މަސައްކަތެއްކަން ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.