ސައުދީ އަރަބިއްޔާގެ "ސައުދީ ޕްރޯ ލީގް" ގައި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުގެ މައްޗަށް 3-0 އިން ކުރި ހޯދައި އަލް ހިލާލުން ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ހިލާލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނަސްރުންނެވެ. އެކަމަކު ރޮނާލްޑޯ އާއި ސާޑިއޯ މާނޭ އަދި ޓަލިސްކާ ހިފެހެއްޓުމުގައި މޮރޮކޯގެ ތަޖުރިބާކާރު ކީޕަރު ބޯނޯ އާއި ޑިފެންޑަރުން ވަރުގަދަ ކުޅުމެއް ދެއްކީއެވެ.

ހިލާލުން ލީޑް ނެގީ 64 ވަނަ މިނެޓުގައި ސާބިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ސާޖެޖް ސަވިކް ކާމިޔާބު ކުރި ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ހިލާލުން ލީޑް ފުޅާ ކުރީ 89 ވަނަ މިނެޓާއި މެޗުގެ އިތުރު ވަގުތުގައި ސާބިއާ ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު އެލެގްޒެންޑަރ މިޓްރޮވިކް ކާމިޔާބުކޮށްދިން ދެލަނޑުންނެވެ. ހިލާލުން މެޗް ނިންމާލަން ޖެހުނީ 93 ވަނަ މިނެޓުގައި ޑިފެންޑަރު އަލީ އަލްބުލްޔާހީއަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއްކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ އުސްއަލިތައް:

https://webstories.sonyliv.com/stories/saudiproleague2023-al-hilal-vs-al-nassr/-al-hilal-vs-al-nassr-01-dec-2023-1701454327226.html

މަޝްހޫރު ނޭމާވެސް ކުޅެމުން އަންނަ ހިލާލުން ނަސްރުގެ މައްޗަށް ހޯދި މޮޅާއެކު ތާވަލުގެ ކުރީގައި އޮތީ 41 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނަސްރު އޮތީ 34 ޕޮއިންޓާއެކުއެވެ.