އެފްރިކާގެ ގައުމެއް ކަމަށްވާ ސޫދާންގެ އިރުމަތީ ސަރަހައްދު ގައި އޮންނަ ޖަބަލް މަރަގާ އޭ ކިޔުނު ބިމަކަށް ބަޔަކު ވަދެ އެތަން ސުންނާފަތި ކޮށްފިއެވެ. 2000 އަހަރުވެފައިވާ އެސަރަހައްދު ސުންނާފަތި ކޮށްފައިވާކަން އެނގުނީ ސޫދާނުގެ ދާރުލްއާސާރެއްގައި މަސައްކަތްކުރާ އާކިއޮލޮޖިސްޓުންތަކަކަށެވެ.
އެތަން ސުންނާފަތިކޮށްފައި ވާތަން ފެނުން އެކަން ވެގެންދިޔައީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ.
އެތަން ސުންނާފަތިކޮށްފައިވަނީ ކޮނެގެން އެކިމައުދަން ހޯދުމުގެ މަސައްކަތް ކުރާ ބައެކެވެ. އެ މީހުން އެތަނުން ހޯދަން މަސައްކަތްކޮށްފައިވަނީ ރަނެވެ. އެތަން ހަލާކުވެފައިވަނީ އެމަސައްކަތް ކުރުމުގައި އެމީހުން ބޭނުންކުރި ވަސީލަތުގެ ސަބަބުން ކަމަށް ވެއެވެ. އެ މީހުން ބޭނުންކުރި ވަސީލަތް ވެގެން ގޮސްފައިވަނީ ޖަބަލް މަރަގާގެ ދުވަސްވީ "ކިންގްޑަމް އޮފް ކުޝް" އޮބި އޮންނަ ވަރަށްވުރެ ވަރުގަދަ ވަސީލަތަކަށެވެ.
ފަހުގެ އަހަރުތަކުގައި ކުޝް ކިންގްޑަމް އާ ބެހޭގޮތުން އާ ހޯދުންތައް ހޯދިފައެއް ނުވެއެވެ. ސަބަބަކަށް ވެފައިވަނީ ކުޝް ކިންގްޑަމް އާއި މިސްރުގެ ގިނަ ކަންކަން އެއްގޮތް ވުންކަމަށް ގަބޫލު ކުރެވެއެވެ. އެގޮތުން މިސްރުގައި ހުންނަ ފަދަ "ޕިރަމިޑް" ވެސް ކުޝް ކިންގްޑަމް ގައިވެސް ހުންނަ ކަމަށް ވެއެވެ. "ދަ ބްލެކް ހިސްޓްރީ މަންތު " ވެބްސައިޓުން ބުނާގޮތުގައި މިސްރުގެ އަތް ދަށުން މިނިވަންވުމަށްފަހު ކުޝް ގެ ތާރީޚަށް މީހުންގެ މާ ބޮޑު ތަރުހީބެއް ލިބިފައިނުވަނީ މިސްރުގެ ތާރީޚީ ކުރެހުންތަކުން ކުޝްއާ ބެހޭ ގޮތުން އެނގެން ހުންނާތީ އެވެ.
ކުޝް މިސްރުގެ އަޅުވެތި ކަމުގެ ދަށުގައި އޮތީ 1550-1070 ބީސީ އާ ދެމެދުއެވެ. މިސްރުގެ އަތްދަށުން ކުޝް މިނިވަން ވެފައިވަނީ 1070 ބިސީގައެވެ. ކުޝް އަށް މިނިވަންކަން ލިބުނީ "ނިއު ކިންގްޑަމް އޮފް އިޖިޕްޓް'' ގެ ވެރިކަން ނިމުމާއެކު ކަމަށް ތާރީޚު ދިރާސާ ކުރާމީހުން ލަފާ ކުރެއެވެ.
ސޫދާން އަކީ އެފްރިކާގެ ގައުމެކެވެ. އެގައުމު ވެފައިވަނީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެގިނައިން ރަން އެތެރެކުރާ ގައުމަށެވެ.
އެގައުމުގައި އެތައް ބަޔަކު ގެންދަނީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިކަހަލަ އެތައްތަނެއް ކޮނެގެން މައުދަން ނަގަމުންނެވެ. ވަޒީފާއެއް ނުލިބި ހާލުގައި ޖެހިފައި ތިބި ޒުވާނުންނަށް މިފަދައިން ކަންކުރަން ހިތްވަރުދެނީ ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ކަމަށް ވެއެވެ.