ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ފުލުހުން މުޅި ރާއްޖޭގައި ''ވޯކް އެންޑް ޓޯކް'' ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މާލެ އޭރިޔާ ހިމެނޭހެން، ފުލުހުން ގާއިމުވެ ޚިދުމަތް ދެމުންދާ ހުރިހާ ރަށެއްގައި އިއްޔެ ހަވީރު 4:00 އިން 6:00 އަށް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގައި ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށާއި ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުުރުން، މިދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަށް ވުމާއެކު ޗުއްޓީއަށް ފުރައިގެން ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ކަނޑުދަތުރުފަތުރު ކުރުމާ އަދި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ކަންކަން ބުނެދީފައިވެއެވެ. އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތް އޮޅުންފިލުވައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށްފައިވެއެވެ.