އާ ސަހަރާގައި ކުރަން ހުރި މަރާމާތުތަކެއްގެ މަސައްކަތްތައް އާ ކުންފުންޏަކާ މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ.

އާ ސަހަރާގައި މަރާމާތު ކުރަން ނިންމާފައިވަނީ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ޤާއިމު ކުރުމަށެވެ. މިއީ ސިޓީ ކައުންސިލުން ދެ ބުރީގެ އިމާރާތެއް މިކަންކަން ހިމަނައިގެން ބިނާ ކުރުމަށް ނިންމައި ކުރިން އެހެން ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލްކުރީ އެއް މަސް ދުވަހުން ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުންނެވެ. އެހެންނަމަވެސް އެއްބަސްވުން ބާތިލް ކުރި އިރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އެހެންކަމުން މި މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން އެހެން ކުންފުންޏަކާއެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސަހަރާގައި މިތަންތަން ގާއިމުކޮށް، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މަސައްކަތް ހަވާލުކޮށްފައިވަނީ އާ ކުންފުންޏަކާ ކަމުގައެވެ. އެހެންނަމަވެސް، އެ ކުންފުނީގެ ނަމާއި އަދި މަސައްކަތް ހަވާލުކުރި އަގެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.