އަންނަ ޙައްޖުގައި ދިވެހި ޙައްޖުވެރިންނާ އެކު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމް ކަމަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

އާދަމް ޝަމީމަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު އެއް ދީނީ އިލްމުވެރިއެކެވެ. އަބަދުވެސް ވަރަށް އަސަރުގަދަ ދީނީ ދަރުސްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަބަދުވެސް ދެއްވައެވެ. ދިވެހިންގެ މެދުގައި މަގްބޫލު އަދި ހިތްތަކަށް އަސަރު ކުރުވާފަދަ ދީނީ ދަރުސްތައް ދެއްވާ ޝަމީމަކީ ހަދީޘާއި އިސްލާމީ ތައުލީމުގެ ރޮނގުން މަތީ ތައުލީމް ވެސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގައި، ރާއްޖެއިން ފުރާ މީހުންނާއެކު އަމީރުލް ހައްޖުގެ ގޮތުގައި ދައުލަތުގެ އިސް ބޭފުޅަކު ވެސް ވަޑައިގަންނަވައެވެ. މި އަހަރުގެ ހައްޖުގައި، އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އަންނަ އަހަރުން ފެށިގެން ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުރިހާ ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ މިހާރު ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން އިތުރު ކޯޓާ ލިބޭ ނަމަ، އެހެން ޖަމާއަތްތަކަށް އެ ކޯޓާ ދިނުމުގެ ވިސްނުން ހުރި ކަމަށެވެ.