ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކުންފުނީގެ ބިލު (ނަންބަރު:7/2023) މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިއީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭނެ އެނޫންވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
އެގޮތުން މިގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަހްޞެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖްރާއަތުތައް ބަޔާންކުރުން ހިމެނެއެވެ. އަދި، ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިގްތިޞާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުޢާމަލާތްތަކަށް ހާމަކަމާއި ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، އާންމުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.
މީގެއިތުރުން މި ގާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނެކަމަށާއި އުފެއްދޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ބޭރުގެ ކުންފުނި ރީ ރަޖިސްޓްރީ ކުރުން މި ގާނޫނުގެ ދަށުން ލާޒިމުކޮށް، ރީ ރަޖިސްޓްރީ ކުރާނެ ގޮތްތަށް ބަޔާންކޮށްފައިވެއެވެ.
މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2024 އިން ފެށިގެންނެވެ.