ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި، ބައެއް ގެތަކުގައި ފެންބޮޑުވެ، ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެން ބޮޑުވާނެކަމަށް ލަފާކޮށް ފުވައްމުލަކާއި އައްޑުއަށް މެޓް އޮފީހުން މިއަދުވަނީ އޮރޭންޖް އެލާރޓްވެސް ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު 13:20 އިން 15:20 އަށް ގުރުރުމާއެކު ބޯކަށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާ ކުރެވޭނެކަމަށެވެ.

މިއަދު އައްޑޫސިޓީއަށް ކުރި ވިއްސާރައާއި ގުޅިގެން އައްޑޫ ސިޓީގެ ފަސް ރަށެއްގައި ފެންބޮޑުވެފައިވާކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީގެ މަރަދޫގެ ތޭރަ ގެއެއްގައި ފެންބޮޑުވި ނަމަވެސް މިހާރު އެގެތަކުން ފެންހިއްކައި އާންމު ހާލަތަކަށް ރުޖޫއަވުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. އައްޑޫ ސިޓީގެ މަރަދޫ ފޭދޫގެ ފަސް ގެއެއްގައި ފެންބޮޑުވެ އެއް ގެއަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނެވެ. އައްޑޫ ސިޓީގެ ފޭދޫގެ 60 ގެއެއްގައި ފެން ބޮޑުވިއެވެ. އަދި ހިތަދޫގެ 9 ގެއެއްގެ ގޯތި ތެރޭގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

ހުޅުދޫގެ 10 ގެއެއްގައި ފެން ބޮޑުވެފައިވާއިރު އެންޑީއެމްއޭއިން ބުނި ގޮތުގައި މިހާދިސާތަކުގައި އެއްވެސް ގެއަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ހާތަލަށް ގޮސްފައި ނުވާކަމުގައެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ހިއްކުމާއި، ކޯރުކެނޑުމާއި ވެލި ބަސްތާ ޖެއްސުންފަދަ މަސައްކަތްތަކުގައި ކައުންސިލްއާއި އަވަށު އޮފީސްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ އިތުރުން ދިވެހި ރެޑްކްރެސެންޓާއި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ރަށުގައި ގާއިމްވެތިބި ކުންފުނިތަކާއި އަމިއްލަ ފަރުދުން ހަރަކާތްތެރި ވެފައިވާކަމުގައެވެ.

އަދި މިހާދިސާގައި ލިބުނު ގެއްލުން ވަޒަންކުރުގެ މަސައްކަތް ކުރިޔަށް ދާއިރު، ފެން ހިނދި އާންމު ހާލަތަކަށް ރުޖޫޢަވަމުންދާ ކަމުގައިވެސް އެންޑީއެމްއޭއިން ބުނެފައި ވެއެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ މިއަދު ކުރި ވިއްސާރާގައި ފުވައްމުލަކު މަގުތަކުގައި ފެން ބޮޑުވިނަމަވެސް ގޭގެގައި ފެންބޮޑުވެ ގެއްލުން ލިބޭ ހާލަތަކަށް ގޮސްފައި ނުވާކަމުގައެވެ.