ލ. ގަމުގައި ނިމިދިޔަ ސަރުކާރުން އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމެވި ނިންމެވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ލ. ގަމު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެފައިވަނީ ގަމު ކައުންސިލުގެ އިދާރާއިން ނެރުނު ބަޔާނެއްގައެވެ.

ނިމިދިޔަ ސަރުކާރުން ގަމުގައި އެޅުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް އެޅުމަށް ނިންމެވި ނިންމެވުމަކީ ގަމުގައި ދިރިއުޅޭ ފަރާތްތަކާއި، މުޅި އަތޮޅު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެސަރުކާރު ނިމުނުއިރު، ކެންސަރު ހޮސްޕިޓަލް އިމާރާތްކުރާ ބިން ހަމަޖައްސައި، އެތަނުގައި ރުށްގަހުގެ ބަދަލު ހަމަޖައްސައި، މަސައްކަތް ފެށުމުގެ މަރުހަލާ އޮތްކަމުން، އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އުންމީދުކުރަމުންދިޔައީ މިއަދުގެ ސަރުކާރުގެ ޒައާމަތުގައި ކުރިއަށްވުރެ ބާރުމިނުގައި އެ ހޮސްޕިޓަލުގެ މަސައްކަތް ފެށި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުން އުންމީދުކުރި ގޮތާ ހިލާފަށް މިހާރުގެ ސަރުކާރުން އެހޮސްޕިޓަލް މާލެއަށް ބަދަލުކުރައްވަން ނިންމެވި ނިންމެވުމަކީ ރަށާ، އަތޮޅުގެ ރައްޔިތުން އަދި ކައުންސިލުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލުން ގަބޫލުކުރާ ގޮތުގައި އާބާދީ ތޮއްޖެހިފައިވާ މާލެފަދަ ސަރަހައްދަކަށް ކެންސަރު ހޮސްޕިޓަލް ބަދަލުކުރުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުރި ނުރައްކަލެކެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކެންސަރަށް ދެވޭ ފަރުވާއަކީ ނުރައްކާތެރި ކެމިކަލް ހިމެނޭ ފަރުވާއަކަށްވާތީ އެފަދަ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތް ގާއިމްކުރުމުގައިވެސް އެރަށް ފަދަ ބިންބޮޑު ރަށެއްގެ މުހިންމުކަން ބޮޑު ކަމެކެވެ. އަދި މިކަންކަން މިހެން ހުރި އިރު ސަރުކާރުން ނިންމެވި ނިންމެވުމަކީ އެ ކައުންސިލުން ނުހަނު ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.ގުޅުންހުރި